ސޯމާލިޔާގެ ހަތް މީހުންނާ އެކު ޏ. ފުވައްމުލަކަށް ޑިންގީއެއް ލައްގައިފި އެވެ.


އެމްއެންޑީއެފުން ދެންމެ ބުނީ އިރުއޮއްސެން އުޅެނިކޮށް އެ ރަށަށް ލެއްގި އެ ޑިންގީއަކީ އެ މީހުން ދަތުރުކުރި ވިއްސަކަށް ފޫޓުގެ ޑިންގީއާއެއް ކަމަށާއި އެ މީހުން ފުވައްމުލަކަށް ލެއްގިއިރު ބައެއް މީހުންގެ ހާލު ކޮންމެވެސް ވަރަކަށް ދެރަވެފައިވާ ކަމަށެވެ. ނަމަވެސް ސީރިއަސް މައްސަލައެއް އެއްވެސް މީހަކަށް ދިމާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.


އެމްއެންޑީއެފުން ބުނީ ޑިންގީގައި ކޮންމެ ވެސް ވަރަކަށް ތެލާއި ފެން ހުރި ކަމަށެވެ. ނަމަވެސް ކާބޯ އެއްޗެއް ނެތް ކަމަށެވެ.


ފުވައްމުލަކުން ވާހަކަ ދެއްކި އައްބާސް އަހުމަދު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އެރަށު ހޯދަޑާވީކޮޅަށް ލެއްގި އެ ޑިންގީގެ ދިގުމިނުގައި 20 ފޫޓު އަދި ފުޅާމިނުގައި 5 ފޫޓު ހުރި ކަމަށެވެ. އަދި އެ މީހުން އެރަށުގެ ފަޅުން ތެރެއަށް ޑިންގީގައި ވަކި ހިސާބަކަށް ވަދެފައި މޫދަށް ފުންމާލައިގެން އައިސް ރަށަށް އެރީ ކަމަށްވެސް އޭނާ ބުންޏެވެ.


އައްބާސް ބުނީ އެމީހުން އެރަށަށް އެރުމާ އެކު ފުލުހުންނާ އެމީހުން ހަވާލުކޮށްފައިވާ ކަމަށާއި މިހާރު އެމީހުން ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.


" އަތިރިމަތީގައި ހުއްޓާ ފެނުނީ ރަށާއި ކައިރިން ބަޔަކު ހަންޖަހައިގެން އުޅޭ ތަން، އެހެންވެ އަތިރިމަތީގައި މަޑުކޮށްލީ، ދެން އެމީހުން ޑިންގީގައި ފަޅު ތެރެއަށް ވަދެގެން އައިސް ވަކި ހިސާބަކުން މޫދަށް ފުންމާލައިގެން އައިސް ތިބީ އަތިރިމަތީގައި ޖައްސައިލައިގެން. އެގިންގީގައި ތެޔޮއަޅާފައި ހުރި ހުސްހަންތަކެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް. މިހާރު އެމީހުން ވީ ހޮސްޕިޓަލުގައި." އައްބާސް ކިޔައިދިނެވެ.