12 Oct 2013, 14:32
ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗެއްގައި ފްރާންސް އަތުން 6-0 އިން އޮސްޓްރޭލިޔާ ބަލިވި މެޗަށްފަހު އެޓީމުގެ ޖަރުމަން ކޯޗު ހޮލްގާ އޮޒީކް ކޯޗުކަމުގެ މަގާމުން ވަކިކޮށްފި އެވެ.
ވޯލްޑްކަޕުން މިހާރުވެސް ޖާގަ ކަށަވަރު ވެފައިވާ އޮސްޓްރޭލިއާ، ހުސްވި މަހު ބްރެޒިލް އަތުން ވެސް 6-0 އިން ބަލިވެފައިވާ އިރު ފުޓްބޯލް ފެޑެރޭޝަން އޮސްޓްރޭލިއާ (އެފްއެފްއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޒީކް ކޯޗުކަމުން ވަކިކޮށްފައިވަނީ ހަމަ އެކަނި އެ ދެމެޗުގެ ނަތީޖާގެ ސަބަބުބުން ނޫންކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި އަށް މެޗު ކުޅެފައިވާއިރު އޮސްޓްރޭލިޔާއަށް މޮޅުވެވުނީ އެންމެ ތިން މެޗުން ކަމަށެވެ.
"މި ނިންމުން ނިންމާފައިވަނީ، ފީފާ ވޯލްޑްކަޕް 2014ގެ ކޮލިފައިން މެޗުތަކާއި އަދި އިންޓަނޭޝަލަން ފްރެންޑްލީ މެޗްތަކުގެ ނަތީޖާއާ އެކު މިދިޔަ މަހު ބްރެޒިލް އަތުން 6-0 އިން އޮސްޓްރޭލިޔާ ބަލިވެ، އަދި މިއަދު ފްރާން އަތުން 6-0 ގެ ނަތީޖާއަކުން ބަލިވުމުން،" އެފްއެފްއޭގެ ބަޔާނުގައިވެ އެވެ.
ޖަރުމަނު ޓީމުން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލައިލިއިރު އެޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި އޮޒީކް ވަނީ، 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖުން ކެޓި އޮސްޓްރޭލިއާ ޓީމުގެ ދުވަސްވީ "ގޯލްޑަން ޖެނެރޭޝަން" ޓީމު ޒުވާން ކުޅުންތެރިންގެ ޓީމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަ އެވެ.
އުމުރުން 65 އަހަރުގެ އޮޒީކް އޮސްޓްރޭލިއާ ޓީމާ ހަވާލުވުމަށްފަހު އެޓީމު 2011ވަނަ އަހަރުގެ އޭޝިއަން ކަޕް ފައިނަލަށް ގެންގޮސް ދިނެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ފްރާންސް ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އޮސްޓްރޭލިޔާގެ ކެޕްޓަނަކަށް އުމުރުން 35 އަހަރުގެ ޑިފެންޑަރު ލޫކަސް ނީލް ބޭނުންކުރުމާއި އަދި ފޯވާޑް ލައިން ބެލެހެއްޓުމަށް 33 އަހަރުގެ ޓިމް ކޭހިލް ބޭނުން ކުރުމުން ޓީމު "އޯވަހައުލް" ކުރުމުގައި އޭނާ ނާކާމިޔާބުވެފައިވާ ކަމަށްވެސް އެފްއެފްއޭއިން ދެކެ އެވެ.
"އެފްއެފްއޭގެ މި ނިންމުން ބިނާވެގެން ވަނީ، ދިގުމުއްދަތަކަށް ޓީމު ބައްޓަން ކުރުމާއި އަދި ވޯލްޑް ކަޕާއި އޭޝިއަން ކަޕަށް ޓީމު ފުރިހަމަ އަށް ތައްޔާރުކުރުން،" އެފްއެފްއޭގެ ޗެއާމަން ފްރެންކް ލޮވީ ވިދާޅުވި އެވެ. "އެ ހުރިހާ ކަމަކަށް ބަލައި އެފްއެފްއޭއިން ނިންމީ މިއީ ކޯޗު ބަދަލުކުރުން އެންމެ މުހިއްމު ވަގުތު ކަމަށް. ހޮލްގާ މިޓީމަށް ކޮށްދިން މަސައްކަތަށް އޭނާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން އަދި މުސްތަގުބަލުގައި އޭނާއަށް ކާމިޔާބީއަށް އެދެން."
އަންގާރަ ދުވަހު އިނގިރޭސިވިލާތުގައި ކެނެޑާއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ކޯޗެއްގެ ޒިންމާ ނަގާނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު އައުރެލިއޯ ވިދްމާ އެވެ.
ވޯލްޑް ކަޕް 2006ގެ ގަދަ 16 އަށް އޮސްޓްރޭލިއާ ޓީމް ގެންދިޔަ އެޓީމުގެ ކުރީގެ ކޯޗު ގޫސް ހިޑިންކް އެޓީމަށް އަނބުރާ ގެންނަން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ އިރު އެ މަގާމަށް ގެންނާނޭ ކަމަށް ދެން އެންމެ ބޮޑަށް ލަފާ ކުރެވެނީ ޗިލީގެ ކުރީގެ ކޯޗު މާސެލޯ ބީލްސާ ނުވަތަ ޕީއެސްޖީގެ ކުރީގެ ކޯޗު ޖެރާޑް ހޫލިއާ އެވެ.