ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ޑެޕިއުޓީ ލީޑަރު އަހުމަދު މުހައްމަދު މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ އަހުމަދު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގެންނެވީ އެ ޕާޓީން ކަންތައްތައްކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ.

"ޕާޓީ އުފެދުނު މައިގަނޑު ދެ މަގުސަދާ ހިލާފަށް ޕާޓީން މިހާރު އަމަލުކުރަމުންދާތަން މިފެންނަނީ. ހާއްސަކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަލުން އިންތިހާބު ބާއްވާއިރު ޑީއާރުޕީން އެގޮތަށް އެކަން ކުރުމަށް އެއްބަހެއްނުވޭ. އެފަދަ ގޮތަކަށް ކަންތައް ކުރާތީ ހިތްހަމަނުޖެހުނީ،" އަހުމަދު ވިދާޅުވި އެވެ. "ޕާޓީން ކުރިން ރައީސް ވަހީދަށް ތާއީދުކުރެއްވީ ވެސް ކައުންސިލުން ނިންމައިގެން. އެހެން ކަމުން އަލުން އިންތިހާބު ބާއްވާއިރު އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ކައުންސިލުގައި މަޝްވަރާކުރުމަށްފަހު."

އޭނާ ވިދާޅުވީ ޕާޓީން އިސްތިއުފާ ދެއްވިކަން ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ފިކުރު ދިމާވާ ޕާޓީއަކާ ވަރަށް އަވަހަށް ގުޅޭނަން. އެކަމާ މެދު މިހާރު މިދަނީ ވިސްނަމުން،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ޑީއާރުޕީން ވަކިވެވަޑައިގެންނެވިއިރު، ބާތިލުކުރި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކޮށްފައި ވަނީ ޕީޕީއެމް އަށެވެ. އަދި ޕީޕީއެމްގެ ބައެއް ޖަލްސާތަކުގައި އަހުމަދު ވާހަކަދައްކަވާފައިވެ އެވެ.