ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލުކުރުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް އަދާލަތު ޕާޓީން ތާއީދު ކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ ޣައިރު ގާނޫނީ އަމަލަތަކުގެ ސަބަބުން އޭނާގެ މައްސަލަތައް ގާނޫނީ އިމުގެ ތެރެއިން ބަލާ ފިޔަވަޅު އަޅާ، އިންސާފު ގާއިމުކުރުމަށް ލަސްވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ލޯޔަރު ވައްޑެ އިސްނަގައިގެން ފައްޓާފައިވާ މަސައްކަތަކީ ކޮންމެހެން އަދާކުރަން ޖެހޭ ދީނީ ގައުމީ ވާޖިބެއް ކަމަށާއި އެ ޕާޓީން އެކަމަށް ތާއީދު ކުރާ ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ.

"މިކަމަށްޓަކައި [ނަޝީދުގެ ކެންޑިޑެންސީ ބާތިލުކުރުމަށް] މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް އިސްނަންގަވައިގެން ފައްޓަވާފައިވާ ގާނޫނީ މަސައްކަތްތަކަކީ ކޮންމެހެން ވެސް އަދާކުރަން ޖެހިފައިވާ ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި އަދާލަތު ޕާޓީއިން ދެކެމެވެ. ވީމާ މުހައްމަދު ވަހީދު އިބްރާހީމުގެ މިހިތްވަރު ގަދަ މަސައްކަތަށް އަދާލަތު ޕާޓީން ތާއީދު ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ހިލާފަށް އެތަށް ފަހަރަކު ކަންތައް ކުރައްވާފައިވާ ކަމަށްބުނެ އަދާލަތު ޕާޓީގެ އެބަޔާނުގައި ވަނީ ނަޝީދަށް ވަރަށް ބޮޑަ ފާޑު ވިދާޅުވެފަ އެވެ.

"މުހައްމަދު ނަޝީދަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އޭނާ ކުރެއްވި ރައީސްކަމުގެ ހުވަޔާއި އަދި ގާނޫނު އަސާސީ އާއި އެތައް ފަހަރަކު ހިލާފުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަސައްކަތް ކުރެއްވުމަށްވުރެ ބޮޑަށް “ޗާޓުން ބޭރުން” މަސައްކަތް ކުރައްވަން އުޅުއްވި ބޭފުޅެކެވެ. އޭނާ ބޭނުންވާ ގޮތަށް ފަނޑިޔާރު ގެއިން ކަންކަން ނުވާތީ، ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރު ގެއާއި ކެނޑިނޭޅި ހަނގާ ކުރެއްވި ބޭފުޅެކެވެ. ފަނޑިޔާރަކު ކިޑުނެޕް ކުރެއްވުމަށް ވެސް އޭނާ ފަސްޖެހިވަޑައިގެންފައި ނުވެ އެވެ،" ބަޔާނުގައިވެ އެވެ.

ނަޝީދަކީ ގާނޫނު އަސާސީ މާނަކުރުމާއި ޝަރުއީ ދާއިރާގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ ސްޕްރީމު ކޯޓު ކަމަށް ގާނޫނު އަސާސީ ގައި ބުނެފައިވާއިރު އެތަނުގެ ހުރުމަތް ކަނޑާލައްވާ އެކޯޓުގެ އަމުރަށް ތަބާނުވާނެ ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ބޭފުޅުންގެ ނަން އޮތުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނަޝީދު ފަދަ ގައިރު ގާނޫނީ އަމަލުތަކެއް ހިންގާފައިވާ ބޭފުޅެއްގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ދެވަނަ ފަހަރަށް އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދުގެ ކެންޑިޑެސީ ބާތިލު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ލޯޔަރުވައްޑެ ހުށަހެޅި މައްސަލައަށް އަދާލަތު ޕާޓީން ތާއީދު ކުރަން ނިންމާފައިވާއިރު، ރައީސް ވަހީދު ވަނީ މިވަގުތަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފަ އެވެ. މީގެ އިތުރުން މައްސަލަ ހުށަހެޅި ލޯޔަރު ވައްޑެ ނިސްބަތް ވާ ޕީޕީއެމުގެ ފަރާތުންވެސްވަނީ މިވަގުތަކީ ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ގަބޫލް ނުކުރާ ކަމަށް ބުނެފަ އެވެ.