މޮންޓެނީގްރޯ އަތުން 4-1 އިން މޮޅުވެ ފީފާ ވޯލްޑްކަޕް 2014ގެ ޖާގައެއް ހޯދުމުގެ އުންމީދު އިންގްލެންޑު ޓީމުން އާކޮށްފި އެވެ.

އަންގާރަ ދުވަހު ވެމްބްލީގައި ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އިންގްލެންޑަށް ބްރެޒިލް 2014 އިން ޖާގައެއް ކަށަވަރުވާނެ އެވެ.

ފީފާ ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް އެޗްގެ އެއްވަނައިގައި އިންގްލެންޑް މިހާރު އޮތީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 18 ޕޮއިންޓާއެކު ޔޫކްރެއިން އެވެ. 15 ޕޮއިންޓާއެކު މޮންޓެނީގްރޯ ތިންވަނައިގައި އޮތްއިރު 13 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޕޮލެންޑެވެ. އަދި އެ ގްރޫޕްގެ ފަސްވަނައިގައި އަށް ޕޮއިންޓާއެކު މޮލްޑޯވާ އޮތްއިރު ސަން މެރީނޯ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގަ އެވެ.

މިހާރުވެސް ޕްލޭއޮފް ޖާގައެއް ކަށަވަރުވެފައިވާ އިންގްލެންޑަށް ރޭގެ މެޗުގައި ކުރިހޯދައިދިނީ މެޗުގެ 48 ވަނަ މިނިޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ އެވެ. އިންގްލެންޑްގެ ދެވަނަ ލަނޑަކީ 62 ވަނަ މިނިޓުގައި މޮންޓެނީގްރޯގެ ބޮސްކޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ 71 ވަނަ މިނިޓުގައި މޮންޓެނީގްރޯގެ ޑަމްޖަނޮވިޗް ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކުރި ނަމަވެސް ރޯއީ ހޮޖްސަންގެ ޓީމަށް އަލަށް ކުޅުމަށް ރޭ ފުރުސަތު ދިން ޓޮޓެންހަމްގެ ވިންގާ އެންޑްރޮސް ޓަވްންސެންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އިންގްލެންޑްގެ ނަތީޖާ 3-1 އަށް ފުޅާކޮށްފަ އެވެ.

އިންގްލެންޑްގެ ފަހު ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ލިވަޕޫލްގެ ފޯވަޑް ޑެނީލް ސްޓްރިޖް އެވެ.