12 Oct 2013, 13:38
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިންޑިއާގެ އިރުމަތީގައި އޮންނަ އޮރިއްސާ އަދި އަންދްރަ ޕްރަދޭޝަށް މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އަރާނެ ކަމަށް ލަފާކޮށްފައިވާ ބާރުގަދަ ވައިގެ ތޫފާނުގެ އަސަރު ކަމަށާއި އެ އަސަރު ރާއްޖެ އަށް މާ ބޮޑު ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަ ކުރާނެ ކަމަށާއި ގަޑިއަކު 10 މޭލާއި 17 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.
"ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިންޑިއާގެ އިރުމަތީ އައްސޭރި އޮރިއްސާ އާއި އަންދަރަ ޕްރަދޭޝް އަށް މިއަދު ކުރާނެ ކަމަށް ލަފާކުރާ ވައިގެ ތޫފާނާ ގުޅިގެން ކުރާ ވިއްސާރައެއް. އެތޫފާނުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ. އެތޫފާން ދަތުރުކުރާނީ ރާއްޖެއާ ދިމާލަކަށް ނޫން. އެ ތޫފާނުގެ މިސްރާބު ހުރީ އިންޑިއާގެ އުތުރަށް،" މޫސުމާބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެކިކަންކޮޅު ތަކަށް ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރުން މުހިންމު ކަމަށެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތުގައި މިއަދު މެދުރު ފަހުގެ ވަގުތެއްގައި އެގައުމުގެ އިރުމަތީގައި އޮންނަ އޮރިއްސާ އަދި އަންދްރަ ޕްރަދޭޝަށް އަރާނެކަމަށް ބުނާ ބާރުގަދަ ވައިގެ ތޫފާނުގައި ގަޑިއަކު 20 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި އެތޫފާނުގައި ކަނޑުގެ ރާޅު 10 ފޫޓަށް އުފުލޭނެ ކަމަށް ވެސް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެ އެވެ.