މަޝްހޫރު ބަތަލް ރިތިކް ރޯޝަންގެ އެންމެ ފަހުގެ ފިލްމް ކްރިޝް ތިނެއްގެ، ގޭމް މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނި މައިކްރޯސޮފްޓްއިން ނެރެފި އެވެ.

ހަންގާމާ ޑިޖިޓަލް މީޑިއާ އެންޓަޓައިންމަންޓާއި ގޭމް ޝަސްރާ އަދި މައިކްރޯސޮފްޓާއި ގުޅިގެން އުފެއްދި އެގޭމް ނެރެފައި ވަނީ އިއްޔެ އިންޑިއާގެ ބެންގަލޫރުގަ އެވެ. ގޭމް ނެރެދީފައި ވަނީ އިންޑިއާގައި ހުންނަ ވިންޑޯޒް ބިޒްނަސް ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަމްރިޝް ގޮޔާލް އާއި ބަތަލް ހިރިތިކެވެ.

ގޭމާއި ބެހޭގޮތުން މައިކްރޯސޮފްޓް އިން ބުނީ ފިލްމުގެ ބަތަލް ރިތިކްގެ އިތުރުން ފިލްމުގައި ފެނިގެންދާ ހުރިހާ ތަރިންނާއި ހަތިޔާރެއް ވެސް އެކުލެވޭނެ ކަމަށާއި ގްރެފިކްސް ވެސް ރީތި ވާނެ ކަމަށެވެ. އަދި އެގޭމް މިހާރު ވިންޑޯޒްގެ ސްމާޓް ފޯނުތަކުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ޓެބްލެޓް އަދި ކޮމްޕިއުޓަރަށް މިހަފްތާގެ ތެރޭގައި ވިންޑޯޒްގެ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ ކުންފުންޏާއި ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް އަންނަ މަހުގެ އެއްވަނަ ދުވަހު ނެރުމަށް ތައްޔާރުވަމުން އަންނަ އެފިލްމުން އަންނަނީ ޕްރޮމޯޓު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން ފަރަހާންގެ "ފައިން ޖުވެލަރީ" އާއި ރިތިކް ގުޅިގެން ވަނީ ކްރިޝް ތިނެއްގެ ގަހަނާ ތަކެއް ވެސް މިމަހުގެ ކުރީކޮޅު ތައާރަފް ކޮށްފަ އެވެ. އެގޮތުން ރިހިން ހަދާފައިވާ ކްރިޝް ބޭންޑާއި، ފަށު ފުލާއި، ޕިނަށް ދަންދެން ވަނީ ނެރެފަ އެވެ.

މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ އާއި ވިވެކް އޮބެރޮއިގެ އިތުރުން ކުރީގެ މަޝްހޫރު ބަތަލާ ރޭކާ ފެނިގެންދާ އެފިލްމް ވެފައިވަނީ ބޮލީވުޑްގެ ފިލްމަތަކުގެ ތެރެއިން އެންމެ ގިނަ މީހުން އެ ފިލްމެއްގެ ޓްރެއިލާ ބެލި ފިލްމަށެވެ.