12 Oct 2013, 13:27
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކެމެރާ އާއި އެފަދަ އެއްވެސް އެއްޗެއް ވޯޓުލާ ސަރަހައްދަށް ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާތީ އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އުއްތަމަފަނޑިޔާރު ދެއްވާފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިލެކްޝަން ކޮމިޝަނުން މާނަކޮށްފައިވާ ގޮތުން ވޯޓުލާ ދުވަހު ނޫސްވެރިންގެ ޒިންމާއަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.
"އެދުވަހު ކެމެރާ ހިފައިގެން ދިޔަސް ނޫސްވެރިންނަށް ޒިންމާ އަދާކުރެވޭ ކަށް ނެތް. މި ޖެހެނީ ވޯޓު ފޮއްޓާއި 100 ފޫޓު ދުރުގައި ތިބެން. އެހެންވީމަ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަން ހުރަސްތަކެއް އެބައެޅޭ،" ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލާ ދުވަހު ނޫސްވެރިންގެ ޒިންމާ ފުރިހަމއަށް އަދާކުރުމަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މީޑިއާ ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނަށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އުއްތަމަފަނޑިޔާރު މިއަދު ދެއްވާފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒަށް ގަލަން ފިޔަވައި އިތުރު އެހެން އެއްޗެއް ނުވައްދާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހިމަނާފައިވާ ގައިޑްލައިން ތަކުގައި ބުނެފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރާ ނޫސްވެރިންނަށް ވެސް ކެމެރާ ނުވަތަ ފޯނު ފަދަ އެއްޗެއް ވޯޓުލާ ސަރަހައްދަށް ނުވެއްދޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.