މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މަރުކަޒު ތަކަށް ވަދެ މީޑިއާ ތަކަށް އިންތިހާބު ކަވަރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލަ އެއް ވައްދަން ނިންމައިފި އެވެ.

އެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދަނީ ގާނޫނީ ވަކީލު އަލީ ހުސައިން އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން މިއަދު ވިދާޅުވީ އޭނާ އެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދަނީ ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މީޑިއާ ތަކަށް ގަލަން ފިޔަވައި އެހެން އެއްޗެއް ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާތީ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ އޭނާގެ މައްސަލާގައި އެދިފައި ވާނީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި އަދި މީޑިއާތަކަށް އިންތިހާބު ކަވަރު ކުރުމަށް ބޭނުން ވާނެ ހުރިހައި ތަކެއްޗެއް ވެއްދޭނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދީ އެކަމާއި ގުޅޭ ހުރިހައި އިމްތިޒާމް ތަކެއް ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އަދި ސްޕްރީމް ކޯޓުގެ އަމުރުގައި އެއްވެސް މީހަކަށް ވޯޓްލާ މަރުކަޒަށް އެއް ވެސް އެއްޗެއް ނުވެއްދޭނެ ކަމަށް އަމުރުކޮށްފައި އޮތް އޮތުމުން މީޑިއާތައް އިސްތިސްނާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކޮށް މި މަހުގެ ހަތް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެނު އަމުރުގައި ބުނެފައި ވަނީ ވޯޓް ލުމަށްޓަކައި ނުވަތަ އެ ނޫންގޮތަކުށް ކަމަށް ވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތަށް) ވޯޓުލާ މަރުކަޒަށް ފޯނާއި އަތްދަބަހާއި ފައިލް ފަދަ ކެންޑިޑޭޓުންގެ ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމަށް ބެލެވޭ އެ ނޫންވެސް އެފަދަ ވަސީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާ ކަމެއް ކަމަށް ހަމަޖެއްސުމާއި އެކު އެފަދަ އަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ކަށަވަރު ކުރަންވާނެ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިލެކްޝަންސްއިން ބުނެފައި ވަނީ މި ފަހަރުގެ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާ ތަކަށް ވެސް ގަލަން ފިޔަވައި އެއް ވެސް އެއްޗެއް ނުވެއްދޭނެ ކަމަށެވެ.

އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައި ވަނީ އިންތިޚާބު މޮނިޓާ ކުރުމަށް ހުއްދަ ދޫކުރެވިފައިވާ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓުނަގާ ތަނުގައި އަޑާއި މަންޒަރު ރެކޯޑު ކުރެވޭނީ ވޯޓުނަގާ ސަރަހައްދާ 10 ފޫޓު ކައިރި ނުވެވޭ ގޮތަށް ކަމަށެވެ.

މީގެކުރިން ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޚާބުތަކުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އިންތިޚާބުތަށް ކަވަރު ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ނޫސްވެރީންނަށް ދީފަ އެވެ.