މަދަނައި ޕްލަސްގެ ދަށުން ސްރީލަންކާގައި ކަންފަތުގެ އޮޕަރޭޝަނެއް ކުރި ތުއްތު ކުއްޖެއްގެ އޮޕަރޭޝަނަށް ފަހު ފައިސާ ނުދެއްކި ހޮސްޕިޓަލުގައި "ތާށިވެއްޖެ" އެވެ.


އަހުމަދު ރަޝީދު ކިޔާ މީހަކު މިއަދު ބުނީ، އޭނާގެ ތިން އަހަރުގެ އުލްޔާން ރަޝީދުގެ ކަންފަތުގެ ސާޖަރީއެއް ހެދުމަށް ކުރީގެ އެޕޯލޯ ހޮސްޕިޓަލް އަދި މިހާރުގެ ލަންކާ ހޮސްޕިޓަލްގައި މި މަހުގެ 22 ވަނަ ދުވަހު އޭނާގެ ދަރިފުޅު އެޑްމިޓް ކޮށް، އޮޕަރޭޝަން ކުރީ އޮޕަރޭޝަނާއި މުޅި ބޭހަށް އަރާ ފައިސާގެ 15 ޕަސެންޓް ފިޔަވައި ހުރިހާ ހަރަދެއް މަދަނައިން ކޮށްދޭނެ ކަމަށް ބުނުމުން ކަމަށާއި އޮޕަރޭޝަން ނިމުނު އިރު މުޅި ޖުމްލަ 49850 ޑޮލަރު[640572.5ރ.] ބިލަށް އަރާފައިވާ ކަމަށެވެ.


ނަމަވެސް އޭނާ ބުނީ ފަހުން މަދަނަ ޕްލަސް އިން ބުނެފައި ވަނީ ބިލަށް ދެއްކޭނީ ޖުމްލަ 7000 ޑޮލަރު ކަމަށެވެ.


"ސާޖަރީ ހެދުމުގެ ކުރިން ވެސް އެ ކޮޅަށް ޕޭޕަ ވޯކްސް [ކަރުދާހު މަސައްކަތް] ފޮނުވިން. އަދި އެ އަށް ފަހު އެޕްރޫވަލް ހޮސްޕިޓަލަށް ލިބުނީމާ ސާޖަރީ ހެދީ. މިދިޔަ ހުކުރު ދުވަހު ޑިސްޗާޖް ކުރީމާ ހޮސްޕިޓަލުން ފައިނަލް އެމައުންޓް [އަދަދު] ލިޔެފައި އެކޮޅަށް އެޕްރޫވްކުރަން ފޮނުވީމަ އެ މީހުން އެ ކޮންފާމް ނުކޮށް އިންނަނީ އެންމެ ހަތް ހާސް ޑޮލާޒްގެ ކޮންފަމޭޝަންއެއް ފޮނުވާފައި،" ރަޝީދު ސްރީލަންކާގައި ހުރެ ފޯނުން ބުންޏެވެ.


ލަންކާ ހޮސްޕިޓަލްގެ 6021 ނަމްބަރު ކޮޓަރީގައި ހުރެ ރަޝީދު ބުނީ އޭނާ ދައްކަން ޖެހޭ ފައިސާގެ ތެރެއިން 7500 ޑޮލަރު މިހާރު ވެސް ދައްކާފައިވާ ކަމަށާއި އަދި އިތުރަށް 35000 ޑޮލަރު ދަށްކަން ޖެހިފައިވާ ކަމަށެވެ.


"ހޮސްޕިޓަލުން ބުނަނީ ލާރި ނުލިބެންޏާ ދުލެއް ނުކޮށްލެވޭނެއޭ. އެބޭފުޅުން އެބަ އިން އެޕުރޫވަލް ފޮނުވާފައި  އޮޕަރޭޝަން ކުރުމުގެ ކުރިން. އަޅުގަނޑުމެން މިތިބީ މިތާންގައި. އަޅުގަނޑުމެން މިޖެހެނީ ސަފަ [ތަކުލީފު ބަރުދާސް ކުރަން] ކުރަން." ރަޝީދު ބުންޏެވެ.


އެންސުޕާގެ ޗެއާމަން އިބްރާހިމް ވަހީދު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ މަދަނަ ޕުލަސްގެ ދަށުން ކޮންމެ މީހަކަށް ވެސް ބޭސްވަރުވާ ކޮށްދެނީ އެއްލައްކަ ދިވެހި ރުފިޔާގެ ބޭސް ކަމަށާއި ދިވެހި އެ އާއިލާ އަށް ވެސް ބާކީ ހުރި 95000ރ. ދައްކާފައިވާ ކަމަށެވެ.


"މި އަހަރު ތެރޭގައި މިހާރު އެ އާއިލާއަށް އެއްލައްކަ ރުފިޔާ ހަރަދުކުރެވިއްޖެ. އަޅުގަނޑުމެން އަބަދުވެސް މީހުންނަށް ނަސޭހަތް ދެމުން އަންނަނީ ލަންކާ އަކީ އަގު ބޮޑުތަނެއްކަން. އަޅުގަނޑުމެންނަށް އެ އޮންނަ ވަރެއް ދެވޭނީ ކޮންމެ ތާކަށް ދިއަޔަސް. އެއްލައްކަ ރުފިޔާ އަށްވުރެ ބޮޑަށް އެ ބޭފުޅުން އެކްސްޕެކްޓް[ އުންމީދުކުރުން] ކުރެއްވުން، އެކަމުގައި އަޅުގަނޑު ކުރާނެކަމެއް ނެތް." ވަހީދު ވިދާޅުވި އެވެ.