ދުނިޔެ ދުށް އެންމެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، މައިކަލް ޖެކްސަންގެ އަތުގައި ކުރިން އޮތް، އެންމެ ބޮޑު ޕޯސްޓަރުގެ ރިކޯޑު ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު މުގުރާލައިފި އެވެ.

އަކްޝޭގެ ސަޕޯޓަރުންގެ ޓީމެއް ކަމަށްވާ "ޓީމް އަކްޝޭ" އިން މައިކަލް ޖެކްސަންގެ ރިކޯޑު މުގުރާލާފައިވަނީ މައިކަލް ޖެކްސަން 2009 ވަނަ އަހަރު އެމެރިކާގައި ބޭއްވި "ދިސް އިސް އިޓް" ޝޯ އަށް ހެދި ޕޯސްޓަރަށްވުރެ 15 ޕަސެންޓް ބޮޑު ޕޯސްޓަރެއް ހަދައިގެންނެވެ. އެގޮތުން ހަތަރު މަސް ދުވަހުން ހެދުނު އެ ޕޯސްޓަރުގެ ފުޅާ މިނުގައި 193 ފޫޓު އެއް އިންޗި ހުންނަ އިރު ދިގު މިނުގައި 180 ފޫޓު ހުންނަ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން މައުލޫމާތުދެ އެވެ.

ވޯލްޑް ރިކޯޑު ފޮތުން މި ރިކޯޑް ޖާގަ ހޯދާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އަދި އަކްޝޭގެ މި ޕޯސްޓަރު ފަތުރާލެވިފައިވަނީ އިނގިރޭސި ވިލާތުގެ ލިޓަލް ގްރޭސްޑެން އެއާ ފީލްޑުގައި ކަމަށާއި އެޕޯސްޓަރު ހަދާފައިވަނީ މައިކަލް ޖެކްސަންގެ ޕޯސްޓަރުވެސް ހެދި އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ މައިކްރޯ އާޓްސް އިން ކަމަށްވެސް މީޑިއާތަކުން މައުލޫމާތުދެ އެވެ.

މި ރިކޯޑާއި ގުޅިގެން އަކްޝޭ ބުނެފައިވަނީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަންތައް ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.