12 Oct 2013, 12:33
ރައްޓެހިވެގެން އުޅޭ އަންހެން މީހާ ވަފާތެރި ނުވެދާނެތީވެ، އެމީހާގެ ޖިންސުގައި ފިރިހެން މީހާ ތަޅު އަޅުވައިފި އެވެ.
މިމައްސަލަ ފެންމަތިވެފައި ވަނީ، ޖިންސުގައި ތަޅު އެޅުވި އަންހެން މީހާ ފުލުސް އޮފީހަށް ދިއުމުން ނެވެ. އަންހެން މީހާ މެކްސިކޯގެ ވެރަކުރޫޒްގެ ފުލުސް އޮފީހަށް ގޮސްފައި ވަނީ އެތައް ގަޑިއިރެއް ވަންދެން ފާހަނައަށް ނުދެވުމުން އުދަނގޫވާތީ ކަމަށް ބުނެ އެވެ.
އުމުރުން 25 އަހަރުގެ މިއަންހެން މީހާ ބުނީ، އެނާ ރައްޓެހިވެގެން އުޅޭ އުމުރުން 40 އަހަރުގެ ފިރިހެން މީހާ މިގޮތަށް ޖިންސުގައި ތަޅުއަޅުވާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ބިރުން ޖިންސު ކަފާލަން ނުކެރެނީ ކަމަށެވެ.
ސީއެންއެންއިން ބުނީ ވެރަކުރޫޒްގެ ފުލުހުން ފިރިހެން މީހާ ހައްޔަރުކުރުމުން، އަންހެން މީހާގެ ޖިންސުގައި ތަޅު އެޅުވި ކަމަށް އިއުތިރާފްވެފައިވާ ކަމަށާއި ތަޅުދަނޑި އޭނާ ފުލުހުންނާ ހަވާލުކުރި ކަމަށެވެ.
މިމައްސަލާގައި އަންހެން މީހާ ވަނީ ފިރިހެން މީހާއާ ދެކޮޅަށް ދައުވާކުރުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމުގެ ކުށުގައި ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ފިރިހެން މީހާ ދޫކޮށްލައިފަ އެވެ.
އެހެން ނަމަވެސް، ޖެހިގެން އައި ދުވަހު، ދެން އަންހެން މީހާގެ ޖިންސުގައި ތަޅު ނާޅުވާނެ ކަމަށް ބުނެ، ފިރިހެން މީހާ ވަނީ ބަޔާނެއްގައި ސޮއިކޮށްފަ އެވެ.
މިމައްސަލާގައި ފިރިހެން މީހާއާ ދެކޮޅަށް ދައުވާ ނުކުރުމުން މެކްސިކޯގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ.
އަދި މިމައްސަލާގައި ފުލުހުން ފެއިލްވެފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ފުލުހުންނަށް ބަހުގެ ހަމަލާތައް ދެމުން ނެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލާގައި އަންހެން މީހާ ދައުވާ ނުކުރުމުން، ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.