12 Oct 2013, 11:53
މިހާރަކަށް އައިސް ކޮންމެ ދުވަހަކު ކީރިތި ގުރުއާން ވިދާޅުވާ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ އޮބްޒާވާ މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ބްލެއާ ވިދާޅުވެފައި ވަނީ ގުރުއާން ވިދާޅުވާ މައިގަނޑު ސަބަބަކީ "އޭގައިވާ އިރުޝާދުތަކުގެ ފުރިހަމަ ކަމުން" ކަމަށެވެ.
"ކޮންމެ ދުވަހަކު ގުރުއާން ކިޔަވަން. އެއީ ދުނިޔޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ވިސްނާ ފިކުރުކުރުމަށް. މައިގަނޑު ސަބަބަކީ ގުރުއާނުގައިވާ އިރުޝާދުތަކުގެ ފުރިހަމަކަން،" ބްލެއާ ވިދާޅުވި އެވެ.
ބްލެއާ ވިދާޅުވީ ގުރުއާން ކިޔަވާ، އޭގައިވާ އެއްޗަކާ މެދު ވިސްނުމަކީ އޭނާ މިހާރު ފުރުއްވަމުން ގެންދަވާ މަގާމުގައި ބޭނުންތެރި ކަމެއް ކަމަށެވެ.
ބްލެއާއަކީ ކުއާޓެޓުން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަ ހާއްސަ މަންދޫބެވެ. ކުއާޓެޓަކީ އދ، އެމެރިކާ، ޔޫރަޕުގެ އިއްތިހާދު އަދި ރަޝިޔާ ހިމެނޭ ޖަމާއަތެކެވެ. މި މަގާމުގައި ބްލެއާގެ މައިގަނޑު މަސްއޫލިއްޔަތަކީ އިޒްރޭލާއި ފަލަސްދީނާ ދެމެދު ސުލްހަ ކުރުމެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ހަތަކުން ފެށިގެން 2007 ގެ ނިޔަލަށް އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި އިރު، ބުލެއާ ހުންނެވީ އެއްވެސް ދީނެއް ގަބޫލު ނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ދީނީ ކަންކަމުގައި ބަހުސްކޮށް ހެދުމަށް އޭރު ބްލެއާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ނަމަވެސް 2007 ގައި ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، ބްލެއާ ވަނީ ނަސާރާއިންގެ ކެތޮލިކުންގެ ދީނީ ފިކުރު ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ، އިސްލާމްދީނާ މެދު ތައުރީފުކޮށް ބުލެއާ ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. 2006 ގައި ބްލެއާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނަކީ "ރިވެތި" (ބިއުޓިފުލް) ދީނެއް ކަމަށާއި ކީރިތި ރަސޫލާ މުހައްމަދު (ސައްލައް ﷲ އަލައިހި ވަސައްލަމް) އަކީ "ސިވިލައިޒިން ފޯސް" ނުވަތަ އިންސާނީ ދިރިއުޅުން ސިވިލައިޒްކޮށް ދެއްވި ބާރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެ އަހަރު ބްލެއާ ގުރުއާނާ ބެހޭ ގޮތުން ވިދާޅުވެފައި ވަނީ އެފޮތަކީ "ފުރިހަމަ" ފޮތެއް ކަމަށެވެ.
"[ކީރިތި ގުރުއާނަކީ] އިސްލާހުކުރުވާ ފޮތެއް. އެއީ ހުރިހާ ކަމެއް ހިމެނޭ ފުރިހަމަ އެއްޗެއް. އޭގައި ސައިންސާއި ޓެކްނޮލޮޖީއަށް ތައުރީފުކޮށް، ތާކުން ތާކު ނުޖެހޭ ވާހަކަތަކާ ދެކޮޅު ހަދާ. އެއީ އަމަލުކުރެވޭނެ ވާހަކަތަކެއް ހުރި ފޮތެއް. އަދި ކައިވެނިކުރުމާއި، އަންހެނުންނާއި، ވެރިކަން ކުރުމުގެ ކަންކަމުގައި އެފޮތުގައިވާ އިރުޝާދުތަކަކީ ފޮތް ލިޔެވުނު ދުވަސްތަކަށް ވުރެ މާ ބޮޑަށް ޒަމާނީ ވާހަކަތަކެއް." ބުލެއާ އޭރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.