12 Oct 2013, 11:14
ހއ. އަލިދުއާއި ކުޑަރަށުގެ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން އެއްބަސްވުން ބާތިލްކޮށްފައިވަނިކޮށް، ދެ ފަރާތުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޔޮޓް ޓުއާސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ދައުލަތުން އެދުމުން ދެ ފަރާތުން ވާހަކަދެއްކުމަށްފަހު އެ ކުންފުނިން ހުށަހެޅި ދައުވާ އަނބުރާ ގެނެސް، އަދި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްތައް ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ފަރާތުން ކުރިން ސޮއިކޮށްފައިވާ އެޑެމްޑަމަށް އަމަލުކުރުމަށާއި ދެ ރަށާ ގުޅިގެން މީރާއިން ކުރަމުން އަންނަ ދައުވާތައް އަނބުރާ ގެނެސް އިތުރު ދައުވާއެއް ނުކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޔޮޓް ޓުއާސް އިން ބުނީ އެ ދެ ރަށާ ގުޅިގެން ދެ ފަރާތުން އެއްބަސްވި ގޮތަށް ދައުލަތުންކޮށްފައިވާ ދައުވާތައް ދޫކޮށްލާތީ، ކުރިން ދައުލަތުން އަމަލުކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި 30 މިލިއަން ޑޮލަރުގެ ދައުވާ އަނބުރާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ލީސް އެގްރިމަންޓް ބާތިލްކޮށް އެ ކުންފުންޏަށް ފޮނުވި ނޯޓިސްތައް އަނބުރާ ގެންގޮސް އަދި ކުރިން ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޔޮޓް ޓުއާސް އިން ބުނީ އެ ކުންފުންޏާއި ސަރުކާރާ ދެމެދު އޮކްޓޯބަރު8، 2013ގައި ސެޓްލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާތީ އެގޮތުގެ މަތިން އެ ދެ ރަށާ ގުޅިގެން މިހިނދަށް ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ޖޫރިމަނާއެއް ނޯންނާނެ ކަމަށެވެ.
ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއަށްވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28ގަ އެވެ.