12 Oct 2013, 10:22
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އަލްޓްރާ ސައުންޑް މެޝިނެއް ހަލާކުވުމުގެ ސަބަބުން ބޮޑެތި ބައެއް ސްކޭންތައް މިހާރު ނުހެދޭކަމަށް އެހޮސްޕިޓަލް އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު މިއަދު "ސަން' އަށް ވިދާޅުވީ އެހޮސްޕިޓަލްގައި ބޭނުންކުރަމުން އައި އަލްޓްރާ ސައުންޑް ދެ މެޝިންގެ ތެރެއިން ބޮޑު މެޝިން ހަލާކުވުމުގެ ސަބަބުން އިމެޖެންސީ ސްކޭންތައް ފިޔަވައި އިތުރު ހާއްސަ ބޮޑެތި ސްކޭންތައް އިއްޔެއިން ފެށިގެން ނުހެދޭ ކަމަށެވެ.
"ބައެއް ކަހަލަ ސްޕެޝަލް ސްކޭންތައް ނުހެދޭނެ، އާދައިގެ އެމެޖެންސީތައް ހެދޭނެ،" ޑރ. ހަބީބް ވިދާޅުވި އެވެ.
ނުހެދޭ ސްކޭންތަކުގެ ތެރޭގައި ހިމެނެނީ ބޮޑެތި ހާއްސަ ސްކޭންތަކާއި ދާއިމީ ބޮޑެތި ބަލިތައް ދިމާވެފައިވާ މީހުން ހަދާ ބޮޑެތި ސްކޭންތަކެވެ. ނަމަވެސް ކުދި ބަލިތަކައް ހަދާ ސްކޭންތައް މިހާރުވެސް ހެދެއެވެ.
ޑރ. ހަބީބް ވިދާޅުވީ މެޝިން ހަވާލުވެގެން މިހާރު ނުހެދޭވަރުގެ ސްޕެޝަލް ސްކޭނެއް މި އީދު ޗުއްޓީގެ ތެރޭގައި ހަދަން ޖެހޭނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެޝިން ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އީދު ބަންދުގެ ސަބަބުން މެޝިން ހެދުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް މެޝިން ހެދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.