ކާބުލް (އޮކްޓޯބަރ 12) : އަފްޣާނިސްތާނުގައި ހަރަކާތްތެރިވަ ޕާކިސްތާން ތާލިބާނުންގެ ލީޑަރެއް ކަމަށްވާ ލަތީފް މަހްސޫދު ހައްޔަރުކޮށްފި ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ މޭރީ ހާފް ވިދަޅުވިގޮތުގައި ލަތީފް މަޙްސޫދަކީ 2010 ވަނަ އަހަރު އެމެރިކާގެ ނިޔުޔޯކްގެ ޓައިމް ސްކެއަރ އަށް ހަމަލާދިނުމަށް ތަލިބާނުން ރޭވި ރޭވުމުގެ ފަހަތުގައި ހުންނެވި މީހެކެވެ. މީގެއިތުރުން ޕާކިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ޑިޕްލޮމޭޓުންނަށް ދީފައިވާ ހަމަލާތައް ރޭވުމުގައިވެސް ލަތީފް މަހްސޫދު ބައިވެރިވެފައިވާ ކަމަށް މޭރީ ވިދާޅުވި އެވެ. ލަތީފް ހައްޔަރުކުރުމަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހިންގި އޮޕަރޭޝަނާބެހޭ ތަފްސީލެއް އެމެރިކާ ހާމައެއް ނުކުރެ އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިން ލަތީފް ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނުގެ ލޮގާރ ސަރަހައްދުގައި ކާރެއްގައި ދަތުރުކުރަނިކޮށެވެ. އޭނާ އެސަރަހައްދަށް ދިޔައީ އަސީރުން ބައްދަލުކުރުމާބެހޭ ބައްދަލުވުމެއްގައި އަފްޣާން ޖާސޫސީ ބައެއް މަސްއޫލުވެރިންނާއެކު ބައިވެރިވުމަށްފަހު އެނބުރި އައި މަގުމަތީގައިކަމަށާ އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ލަތީފް ހައްޔަރުކުރުމުގައި އެމެރިކާއަށް އެހީތެރިވެދިނީ އެމެރިކާގެ ޖާސޫސީ ސިއްރު އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ އަފްޣާން ޖާސޫސީ އިދާރާގެ ބައެއް މީހުން ދިން މައުލޫމާތެވެ.

އަފްޣާން ޖާސޫސީ އިދާރާގެ ބައެއް މީހުން ލަތީފް އާބެހޭ މައުލޫމާތު އެމެރިކާއަށް ދީފައިވަނީ އެމެރިކާ އަތުން ފައިސާގެ ވަރަށްބޮޑު ރިޝްވަތެއް ހޯދައިގެން ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވަނީ އެމެރިކާގެ މިޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. މިއީ އަފްޣާން ތާލިބާނުންނާ ސުލްޙަވުމަށް އަފްޣާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ކުރިމަތިވި ވަރަށްބޮޑު ހުރަހެއް ކަމަށް އަފްޣާން ސަރުކާރުން ދެކެ އެވެ.

ލަތީފް މަޙްސޫދަކީ ޕާކިސްތާން ތާލިބާނުންގެ ޒަޢީމް ހަކީމުﷲ މަހްސޫދުގެ ވަރަށް އަރިސް މީހެއްގެ އިތުރުން ޢައިލީ ގޮތުން އޭނާއާ ތިމާގެ މީހެއް ކަމަށްވެސް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)