މައްކާ (އޮކްޓޯބަރ 12) : މިއަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންގެ އަމަނާއި ސަލާމަތަށްޓަކައި ސައޫދީ ސަލާމަތީ ބާރުތަކުގެ 95،000މީހުން ހަރަކާތްތެރިވާނެ ކަމަށް ސައޫދީ ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީގެ އިސްވެރިޔާގެ މަގާމުގައިވެސް ހުންނެވި ނާއިފް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ މި 95 ހާސް މީހުން ހަރަކާތެރިވާނެ ގޮތުގެ ޕްލޭންތައް އެކަށައަޅައިނިމި އެޕްލޭންތައް ތަންފީޒުކުރަން މިހާރު ފަށާފައިވާ ކަމަށާ މިޕްލޭންތައް ތަންފީޒު ކުރުމުގައި ސައޫދީ ޖާސޫސީ އިދާރާއާއި ސިފައިންގެ ލަޝްކަރުތަކާއި މަދަނީ ދިފާއީ ބާރުތަކާއި ނެޝަނަލް ގާޑުންގެ މުއައްސަސާވެސް އެހީތެރިވެދޭނެ ކަމުގަ އެވެ. ހައްޖުވެރިންގެ ސަލަމަތަށްޓަކައި ހަރަކާތްތެރިވާ 95 ހާސް މީހުންގެ ތެރޭގައި ޙައްޖާއި އުމުރާގެ އަމަނުގެ ނަމުގައި އުފައްދާފައިވާ ޚާއްސަ ބާރުތަކުގައި ހިމެނޭ 45 ހާސް މީހުންވެސް ހިމެނެ އެވެ.

އަނެއްކޮޅުން ސައޫދީ ސަރުކާރުންވަނީ ހައްޖުގެ ތެރޭގައި އެއްވެސް ބާވަތެއްގެ މުޒާހަރާތައް ކުރުމަކީ މަނާކަމެއް ކަމަށް ނިންމައި މުޒާހަރާ ނުކުރުމަށް ހައްޖުވެރިންނަށް އިލްތިމާސްކޮށްފަ އެވެ. މުޒާހަރާކުރުމަކީ ހައްޖުވެރިންނަށް ދަތިތަކާއި އުނދަނގޫތައް ކުރިމަތިވެ ހައްޖުގެ މަތިވެރި ފަރްޟު އަދާކުރުމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމެއްކަމަށްވެސް ސައޫދީ ސަރުކާރުން ބުނެ އެވެ.

މާތްވެގެންވާ މައްކާގެ މާތްވެގެންވާ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާތީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރްސަތު ދިން މީހުންގެ އަދަދުވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު 20 އިންސައްތައަށް މަދުކޮށްފަ އެވެ. ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭނީ 2015 ވަނަ އަހަރުގައި ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. ހަރަމްފުޅު ބޮޑުކުރުމަށްފަހު 7 މިލިޔަން ޙައްޖުވެރިންނަށް ދަތިކަމަކާނުލައި ހަރަމްފުޅު ސަރަހައްދުގައި ހަރަކާތްތެރިވެވޭނެ ކަމަށާ މިއީ އެސަރަހައްދުގައި ކުރިން ހަރަކާތްތެރިވެވޭ މީހުންގެ އަދަދަށްވުރެ ދެގުނައަށްވުރެވެސް އިތުރު އަދަދެއް ކަމަށް ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު ބަންދަރުލް ހައްޖާޖް ވަނީ ވިދާޅުވެފަ އެވެ. (ސައޫދީ މީޑިޔާ)