12 Oct 2013, 10:05
ހަންގޭރީ އަތުން 8-1 އިން ހޮލެންޑް މޮޅުވި މެޗުގައި ހެޓްރިކެއް ހަދައިން އެޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮބިން ވެންޕާސީ މުގުރާލައިފި އެވެ.
އަމްސްޓަޑަމްގައި ހުކުރު ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕް ޔޫރަޕް ޒޯންގެ ކޮލިފައިންގައި ގްރޫޕް ޑީގެ ހަންގޭރީ ކޮޅަށް ވެންޕާސީ ކާމިޔާބުކުރި ތިން ލަނޑާއެކު އޭނާ ވަނީ ބެލްޖިއަމްޓީމަށް ކުޅުނު 80 މެޗުގައި ޖުމުލަ 41 ލަނޑު ޖަހައި ކުރިން 40 ލަނޑާ އެކު އެޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ޕެޓްރިކް ކްލައިވަޓްގެ ރެކޯޑު މުގުރާލާފަ އެވެ. ކްލައިވަޓް އަކި މިހާރު ހޮލެންޑް ޓީމުގެ އެސިސްޓެންޓް ކޯޗެވެ.
ހޮލެންޑުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެންޕާސީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ކްލައިވަޓްގެ ރެކޯޑާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ކުރިން އެޓީމުގެ ދެވަނަ ލަނޑު 25 ވަނަ މިނިޓުގައި ކާމިޔާބުކުރީ ކެވިން ސްޓްރޫޓްމަން އެވެ. ތިން ވަނަ ލަނޑު 38 ވަނަ މިނިޓުގައި ޖަހައިދިނީ ޖެރެމައިން ލެންސް އެވެ.
ހަންގޭރީގެ ހަމަ އެކަނި ލަނޑު 47 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަލަޒް ސުދްސަކް އެވެ.
ވެންޕާސީ ރެކޯޑް މުގުރާލި ލަނޑު އަދި މެޗުގައި އޭނާ ހެދި ހެޓްރިކް ލަނޑު ކާމިޔާބުކުރީ 58 ވަނަ މިނިޓުގަ އެވެ. އެލަނޑަށްފަހު އޭނާ ވަނީ ކްލައިވަޓްއާ އެކު އުފާފާޅުކޮށްފަ އެވެ.
ހޮލެންޑްގެ ހަ ވަނަ ލަނޑަކީ ހަންގޭރީގެ ސްލާޑް ޑެވެސެރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެޓީމުގެ ހަތް ވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ކާމިޔާބުކޮށް ދިނީ ރަފައެލް ވެންޑަވާޓް އެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އާރްޔަން ރޮބޭން އެވެ.
މެޗުގެ ކުރިންވެސް ވޯލްޑް ކަޕަށް ކޮލިފައި ވެފައިވާ ހޮލެންޑް މި ނަތީޖާއާ އެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ފަހު މެޗުގައި ހޮލެންޑް ވާދަކުރާނީ ތުރުކީއާ އެވެ.
ގްރޫޕް ޑީ ގެ ދެ ވަނައިގައި 16 ޕޮއިންޓާއެކު ތުރުކީ އޮތް އިރު ހަމަ އެވަރަށް ޕޮއިންޓް ހޯދައިގެން ރޫމޭނިޔާ އޮތީ ތިން ވަނަގަ އެވެ. އެހެން ކަމުން އެ ގްރޫޕްގެ ޕްލޭ އޮފް ޖާގައަށް ވާދަކުރާނީ އެ ދެޓީމް އެވެ.
ގްރޫޕް ޑީގެ އެހެން މެޗުތަކަށް ބަލާއިރު އެންޑޯރާ އަތުން ރޫމޭނިއާ ބަލިވީ 4-0 އިންނެވެ. އަދި އެސްޓޯނިއާ އަތުން ތުރުކީ ބަލިވީ 2-0 އިން ނެވެ.