ލޯންގެ ދަށުން އެވަޓަން އަށް ދޫކޮށްފައިވާ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ޖަހައިދިން ދެ ލަނޑުން 2-1 އިން ކްރޮއޭޝިޔާ އަތުން މޮޅުވެ ބެލްޖިއަމް ފީފާ ވޯލްޑް ކަޕް 2014އަށް ކޮލިފައި ވެއްޖެ އެވެ.

މި ނަތީޖާއާއެކު ވޯލްޑް ކަޕް ޔޫރޯ ކޮލިފައިން ޒޯންގެ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމް އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. އަދި މިއީ 2002 ވަނަ އަހަރުގެ ފަހުން ބެލްޖިއަމް ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހު ކްރޮއޭޝިއާގެ ޒަގްރެބްގެ މަކްސިމީރް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު ލުކާކޫ ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނިޓުގައި އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބު ކުރީ 38 ވަނަ މިނިޓުގަ އެވެ.

ކްރޮއޭޝިއާގެ ހަމަ އެކަނި ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޯ ކްރަންޖްޗަރު އެވެ.

ގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ކުޅެން އިތުރު އެއް މެޗު އޮތްއިރު ކްރޮއޭޝިއާ ދެވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން އެޓީމަށް އަންނަ މަހު ޕްލޭ އޮފްގެ ޖާގައެއް ލިބޭނެ އެވެ.

ބެލްޖިއަމްއާ އެކު ޔޫރަޕް ޒޯނުން ވޯލްޑް ކަޕުން މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައިވަނީ، ނެދަލެންޑްސް އަދި އިޓަލީ އެވެ.