މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރާ ނޫސްވެރިންނަށް ވެސް ކެމެރާ ނުވަތަ ފޯނު ފަދަ އެއްޗެއް ވޯޓުލާ ސަރަހައްދަށް ނުވެއްދޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރަމުން އަންނަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

މަނިކު ވިދާޅުވީ ވޯޓުލާ މަރުކަޒަށް ގަލަން ފިޔަވައި އިތުރު އެހެން އެއްޗެއް ނުވައްދާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހިމަނާފައިވާ ގައިޑުލައިން ތަކުގައި ބުނެފައިވާ ކަމަށެވެ.

އަދި އެނުކުތާއާ ބެހޭގޮތުން އެ ކޮމިޝަނުން ގާނޫނީ ލަފާ ހޯދުމުން ނޫސްވެރީންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހިމެނޭގޮތަށް އެއްވެސް ފަރާތަކަށް ގަލަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒަށް ނުވެއްދޭނެ ކަމަށް ގާނޫނީ ވަކީލުން ލަފާދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ 10 ވަނަ ނަމްބަރުގައި އޮތް ގޮތުން މީޑިއާ އަށް މިފަހަރު އެބަދިމާވޭ ދަތިތަކެއް. އަޅުގަނޑުމެންނަކަށް ނެތް ކެމެރާއެއް ފޯނެއް ވެއްދުމުގެ ފުރުސަތު ދެވޭކަށެއް. އެކަމާ އަޅުގަނޑުމެން ނިހާޔަތަށް މައާފަށް އެދެން،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތިތަކެއް ހުރި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހިމަނާފައިބާ ގައިޑުލައިން ތަކަށް އެކޮމިޝަނުން ތަބާވަމުން އަންނަ ކަމަށެވެ.