ގާލްގައިޑުން އެސޯސިއޭޝަނުން ބައިނަލް އަގުވާމީ އަންހެންކުދީންގެ ދުވަސް ފާހަގަކޮށްފި އެވެ.

ގާލްގައިޑް އެސޯސިއޭޝަނާއި ޔޫއެންއެފްޕީއާ ގުޅިގެން އިއްޔެ ގަލޮޅު ދަނޑުގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ބާއްވާފަ އެވެ. އެ ހަރަކާތްތަކުގައި މާލޭގެ ހުރިހާ ސްކޫލްތަކާއި ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓްކޯގެ އިތުރުން އަތޮޅުތަކުގައި ގައިޑްގެ ހަރަކާތްތައް ހިންގާ ހުރިހާ ސުކޫލްތަކުން ބައިވެރިވެފައިވާ ކަމަށް ގާލްގައިޑު އެސޯސިއޭޝަނުން ބުންޏެވެ.

މިއަދު ކުރިއަށް ގެންދިޔަ ތަފާތު އެކި ހަރަކާތްތަކުގައި ސުކޫލްތަކުގެ އަންހެން ދަރިވަރުން ވަނީ ތަފާތު އެކި ބެނާތައް ހިފައިގެން ހަމަހަމަކަމާ އެކު އަންހެންކުދީންނަށް ވެސް ގައުމުގައި އެކިއެކި ފުރުސަތުތައް ދެވެންޖެހޭނެކަމަށް ގޮވާލާފަ އެވެ.

އަންހެންކުދީންނަށް އެކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހާސިލް ކުރެވޭފަދަ ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ވެސް އެ ކުދީން ވަނީ ގޮވާލާފަ އެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ދެއްކެވި ވާހަކަފުޅުގައި އަންހެންކުދިންނަށް ދިމާވާ ތަފާތު އަނިޔާތަކުން އެކުދީން ސަލާމަތް ކުރުމަށް މިފަދަ ދުވަސްތަށް ފާހަކަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.