ރިޔާސީ އިންތިޚާބުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ރަނގަޅު ކުރުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަންތައްތައް އިސްލާހުކޮށް މި މަހުގެ 19 ވަނަ ދުވަހުގެ އިންތިހާބު ބެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކަންކަން އިސްލާހުކޮށް 19 ގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ޕީޕީއެމްއިން ބުނެފައިވަނިކޮށް އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ 19 ގައި އިންތިހާބު ބޭއްވުމަށް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި އަދި އެ މުއްދަތުގައި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ލިބިފައިވާ މުއްދަތު ކުޑަވީމަ ދަތިކަން ދިމާވެ، ނަމަވެސް އަޅުގަނޑުމެނަށް ޔަގީންކަން އޮތީ ކަންކަން އިސްލާހުކޮށް 19 ގައި އިންތިހާބު ބޭއްވޭނެ ކަމަށް،" މަނިކު ވިދާޅުވި އެވެ.

އަލިމަނިކު ވިދާޅުވީ ސުޕްރީމް ކޯޓްގެ ހުކުމް އޮތް ގޮތުން ގަލަމެއް ފިޔަވާ އިތުރު އެއްވެސް އެއްޗެއް ވޯޓް ލާ ސަރަހައްދަށް ނުވެއްދޭނެ ކަމަށެވެ. އެހެން ކަމުން މޯބައިލް ފޯންތަކާއި ނޫސްވެރިންނަށް ކެމެރާފަދަ ތަކެތި ވެސް ނުވެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމަށް މާގިނަ ވަގުތުތަކެއް ނެތުމުން ދަތިތަކަކާއި ކުރިމަތިވާ ކަމަށާއި ނަމަވެސް ފުރިހަމައަށް ތައޔާރުވަމުންދާ ކަމަށެވެ. ފުއާދު ވިދާޅުވީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލަން ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓާތަންތަނުގައި ވޯޓުލުމަށް 100 މީހުން ރަޖިސްޓްރީ ނުކުރި ނަމަވެސް ވޯޓް ފޮށިތައް ބަހައްޓާނެ ކަމަށެވެ.

ވޯޓް ލިސްޓާ ގުޅެގޮތުން ސުވާލުކުރުމުން ފުއާދު ވިދާޅުވީ މިފަހަރު ބޭނުންކުރާ ލިސްޓަކީ ޑިޕާޓްމެންޓްއޮފް ނެޝަނަލް ރަޖިސްޓުރޭޝަން (ޑީއެންއާރް)ގެ ލިސްޓް ކަމަށް ވާއިރު އެލިސްޓް ވަރަށް ފުރިހަމަވާނެ ކަމަށް "ބުނާތީ" އެ ލިސްޓް ސައްހަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ދީފައިވާ ގައިޑުލައިންތަކުގައި 16 ނުކުތާއެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 19ގެ ކުރިން ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމަނާފައިވާ ގައިޑުލައިންތައް ފުރިހަމަ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގައިޑުލައިންތައް ފުރިހަމަނުކޮށް އިންތިޚާބު ބޭއްވުމަށް ޕީޕީއެމުން ގަބޫލުނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.