އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ޖެއްސުން ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ނަސަންދުރާ ޕެލެސް ހޮޓެލްގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންމެފަހަރަކު ފެނިގެންދަނީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމަށް ބޯނުލަބާ މަންޒަރު ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގައި ވަކިގޮތަކަށް އަމަލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އިލެކްޝަނުން އެ ހުކުމަށް ތަބާނުވުމުން ދެން ޖެހުނީ އެ ހުކުމުގެ މައްޗަށް އަނެއްކާވެސް އަމުރެއް ނެރެން ކަމަށެވެ.

"އެބޭފުޅުންނަކީ ގާނޫނު އަސާސީއަށް ވެސް ކިޔަމަންވާ ބައެއް ނޫން. ދިވެހިރާއްޖޭގައި ހަމަހަމަ ދެފުއްފެންނަ އިންތިޚާބެއް ބާއްވަން އުޅޭ ބައެއް ވެސް ނޫން. އޭގެ ހެކި މި ފެންނަނީ. ދުނިޔޭގެ އެއްވެސް ގައުމެއްގެ ސުޕްރީމް ކޯޓުން ހުކުމެއް ކުރެއްވީމަ ދެން އެއަށް ޗެލެންޖުކޮށް ނަހައްދަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުން ވަގުތު ބޭކާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިރައްޔިތުންނަށް އަދުލުވެރި އިންތިޚާބެއް ބޭއްވެންދެން ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން މަސައްކަތް ކުރާނެ ކަމަށާއި "ދުވާލަކު ހަ ފަހަރު ސުޕްރީމް ކޯޓަށް ވަންނަން" ޖެހުނަސް އެކަން ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.