11 Oct 2013, 17:07
އިނގިލީގެ ނިޝާން ނުޖަހާ ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރުމަށް 24 ގަޑި އިރުގެ މުހުލަތެއް އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށްރަށުގައި ވޯޓުލާ ފަރާތްތައް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ. އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާ ހަވީރު 4:30 އާ ހަމައަށް ފިންގާ ޕްރިންޓާ އެކު ރަޖިސްޓްރީކޮށް ނިންމަން ޖެހޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބުދުއްސަތާރު މިއަދު ވިދާޅުވީ ފިންގާ ޕްރިންޓް ނުޖަހާ ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަތަކަކުން ވެސް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުން ފުރަތަމަ ބުރު ބާތިލުކޮށް އަލުން ވޯޓުލާން އިއުލާނުކުރުމާއި ގުޅިގެން ފިންގަޕްރިންޓް ޖަހައިގެން ވޯޓުލާން ރަޖިސްޓްރީ ކުރި ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފަހުން އެއީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ފިންގަޕްރިންޓް ޖަހައިގެން ރަޖިސްޓްރީ ކުރިއަށްގެންދިޔައީ. އެފަރާތްތަކުން ނުޖެހޭނެ އަލުން ރަޖިސްޓްރީ ކުރާކަށް. އެކަމަކު ފިންގާ ޕްރިންޓް ނުޖަހާ ކުރިން ރަޖިސްޓްރީ ކޮށްފައި ތިބި ފަރާތްތައް ޖެހޭނެ އަލުން ފިންގަ ޕްރިންޓް ޖަހައިގެން ރަޖިސްޓްރީ ކުރަން،" އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ އަލުން ފިންގަޕްރިންޓް ޖަހައިގެން ރަޖިސްޓްރީ ކުރުމަށް ނިންމީ ކޯޓުން ވަކި ގައިޑްލައިންތަކެއް ފޮލޯ ކުރަން އަމުރު ކުރުމާއި ގުޅިގެން ކަމަށެވެ.
މުޅިން އާ އިންތިޒާމްތަކެއްގެ ދަށުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ރޭ ނެރުނު އަމުރުގައި ބުނެފަ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެ ދެ އިއުލާނީ އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ދީފައިވާ ގައިޑުލައިންތަކާ ޚިލާފަށް ނެރެފައިވާ އިއުލާންތަކެއް ކަމަށެވެ.
ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ތައްޔާރު ކުރުމާ، އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމްތައް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ދީފައިވާ ގައިޑުލައިންތަކުގައި ބުނެފައިވާ ގޮތުގެމަތިން މުޅިން އާ އިންތިޒާމްތަކެއްގެ ދަށުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ފޯމު ހުށަހަޅާ އިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިއުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށާއި އަދި ރަޖިސްޓްރީ ވުމަށް އެދޭ މީހާ ވޯޓުލުމަށް ބޭނުންކުރާ އައިޑީކާޑު ނުވަތަ މުއްދަތު ހަމަނުވާ ރަސްމީ ލިއުމެއްގެ ކޮޕީ ފޯމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ރަޖިސްޓްރީ ވުމަށް އެހެން ފަރާތެއް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ ރަޖިސްޓްރީވާން އެދޭ ފަރާތާއި ފޯމުގައި ހެކިންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކާއި ފޯމު ހިފައިންގެން ދާ ފަރާތުގެ ފިންގާޕްރިންޓް ސާފުވާނޭހެން އެ ފަރާތެއްގެ ސޮއި ކައިރީގައި ހިމަނަން ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅާއިރު އެކަކަށް ގިނަވެގެން ހުށަހެޅޭނީ 10 ފޯމު ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް ސިޓީއަކާ އެކު އެތަނެއްގެ ތަތްގަނޑު ޖަހާފައިވާ ފޯމުތައް އިސްތިސްނާވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އިލެކްޝަނުން ބުނީ ފޯމު ބަލައިގަނެވޭނީ އެ ފޯމު ހިފައިގެން އަންނަ މީހާ ޒިންމާވާ ގޮތަށް ކަމަށެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިޚާބު ބާތިލު ކުރުމަށްފަހު އަލުން ބާއްވަން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މިމަހުގެ 20 ގެ ކުރިން ބާއްވަން ޖެހެ އެވެ. އަދި ދެވަނަ ބުރު އަންނަ ނޮވެމްބަރު މަހުގެ ތިނެއްގެ ކުރިން ބާއްވާ ނިންމަން ޖެހެ އެވެ.