މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ މއ. މީރާއާގޭގެ ތެރޭ ބަނގުރާ ކައްކަމުން ދިޔަ ލަންކާ އަންހެނަކާ ފިރިނެކު ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ ކައްކަމުންދަނިކޮށް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ބަނގުރާ އަޅާފައި ހުރި ކުކިން އޮއިލް ހުސްކުރި ބޮޑު 12 ހަމާއި ބަނގުރާ އަޅާފައި ހުރި ފެން ހުސްކުރި 500 އެމްއެލްގެ 10 ވަރަކަށް ފުޅިވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އޭގެއިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތައް ވެސް އެގޭތެރެއިން ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެ ދެ މީހުންނަކީ އެގޭގައި ކުއްޔަށް އުޅުނު ބައެއްކެވެ. ނަމަވެސް އެމީހުން ރާއްޖެ އައިސްގެން އުޅެނީ ކޮން ބޭނުމެއްގައި ކަމެއް ސާފެއްނުވެ އެވެ.