11 Oct 2013, 15:12
މޯލްޑިވްސް ގްރީން ފަންޑް މެދުވެރިކޮށް އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރުގެ އެކި ފަރާތްތަކުން މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ މޯލްޑިވްސް ގްރީން ފަންޑް ކޮމްޕެނީ ލިމިޓެޑް އުފައްދާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިއްޔެ އެވެ.
ރައީސް އޮފީހުން ބުނީ ގްރީން ފަންޑް މެދުވެރިކޮށް އެކިއެކި މަޝްރޫޢުތަކަށް ހިންގުމަށް މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭރުގެ އެކި ފަރާތްތަކުން ހަމަޖައްސާފައިވާ ކަމަށާއި އަދި އެ ފަންޑަށް ރާއްޖެ އިން ބޭރުން އަންނަން ޖެހޭ އިތުރު ފައިސާ ވެސް އެކި މަރުޙަލާތަކުގައި އަންނަމުން ދާނެ ކަމަށެވެ. އެ މުއައްސަސާ ރަނގަޅަށް އިންތިޒާމުކޮށް ހިންގުމަށްޓަކައި ވާލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މިހާރުވަނީ އެކަށީގެންވާ މިންވަރެއްގެ މާލީ އެހީއެއް ވެސް ކަނޑައަޅާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ގްރީން ފަންޑަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއި، ފެނާއި، ނަރުދަމާއާއި، އިޢާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖް ކުރުމުގެ ދާއިރާއިން އެކިއެކި މަޝްރޫޢުތައް ހިންގުމަށާއި، އެ ދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އިތުރުކުރުމަށާއި، އެކަން ކަމަށް އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ރައީސް އޮފީހުން ބުނީ ގްރީން ފަންޑް ވެގެންދާނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިންނާއި، ތިމާވެށީގެ ރޮނގުންނާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖެއަށް ލިބޭ ފައިސާ، ސީދާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މެނޭޖުކުރުމުގެ ޤާބިލުކަން ލިބިފައިވާ މުއައްސަސާއަކަށް ކަމަށެވެ.
ރައީސް އޮފީހުން ބުނީ މީގެ ކުރިން އެދާއިރާ ތަކުން ރާއްޖެއިން ބޭރުން ލިބޭ އެހީގެ ފައިސާ، ސަރުކާރުގެ ބެލުމުގެ ދަށުން މެނޭޖުކުރެވޭނެ ގޮތެއް މިހާތަނަށް ވަނީ ޤާއިމު ކޮށްފައިނުވާ ކަމަށެވެ. އަދި އެފަދަ މުއައްސަސާއެއް އުފެދިފައިނެތުމާ އެކު، ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ގްރީން ފަންޑް އުފެދުމުން، ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް، ކުރިން އެ ރޮނގުތަކުން އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ، ފަސޭހަކަމާއެކު، ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ މުއައްސަސާ އުފައްދާފައި ވާނީ ބޭރުގެ ފަންނީ މާހިރުންގެ ލަފައާއި، އެފަދަ ފަންޑުތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގަމުންދާ ގޮތް ބަލައި ދިރާސާތައް ކުރުމަށްފަހު ކަމަށެވެ. އަދި ގްރީން ފަންޑު އުފައްދާފައިވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.