އެމެރިކާގެ މަޝްހޫރު މެގަޒިންއެއް ކަމުގައިވާ ފޮރިން ޕޮލިސީ މެގަޒިނުން ހޮވި 2010 ވަނަ އަހަރުގެ "ޓޮޕް 100 ގްލޯބަލް ތިންކާޒް" ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންފި އެވެ.


އެ ބޭބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުގެ ސަބަބުން، މިއަހަރު ދުނިޔެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ 100 ބޭފުޅުން ހިމަނައިގެން ފޮރިން ޕޮލިސީ މެގަޒިނުން އެކުލަވާލާފައިވާ ލިސްޓްގައި ރައީސް ނަޝީދުގެ ނަންފުޅު ހިމެނިފައި ވަނީ، އެ ލިސްޓްގެ 39 ވަނައިގަ އެވެ.


ފޮރިން ޕޮލިސީ މެގަޒިންގައި ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ޖައްވަށް ދޫކުރާ ކާބަން މަދުކުރުމުގެ މުހިންމުކަން ދުނިޔޭގެ އެޖެންޑާގެ އެންމެ ކުރިއަށް ގެންނެވުމަށް ރައީސް ނަޝީދު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްފައިވެ އެވެ. ވަކިން ޙާއްސަ ގޮތެއްގައި، 2009 ވަނަ އަހަރު އޮކްޓޯބަރު މަހު މޫދުއަޑީގައި ބޭއްވެވި ކެބިނެޓްގެ ބައްދަލުވުމާއި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ފާހަގަކޮށްފައިވެ އެވެ.


ރައީސް ނަޝީދަކީ، ތިމާވެށްޓާ ބެހޭ ގޮތުން ދުނިޔޭގައި އެންމެ ގަދައަށް އަޑުއުފުއްލަވާ ދުނިޔޭގެ ޤައުމެއްގެ ރައީސްކަން އެމެގަޒިންގައި ރައީސް ނަޝީދު އާ ބެހޭ ގޮތުން ލިއުއްވާފައިވާ ލިއުއްވުމުގައިވެ އެވެ. އަދި ކުޑަކުޑަ ދިވެހިރާއްޖެއަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހިފައިވާކަން އެންމެ ފުރިހަމައަށް ދައްކައިދޭ ޤައުމުކަން، އެމަނިކުފާނުގެ މަސައްކަތްޕުޅުން ދުނިޔެއަށް ހާމަކޮށްދެއްވާފައިވާ ކަމަށްވެސް ފޮރިން ޕޮލިސީ މެގަޒިންގައި ލިއެފައިވެ އެވެ.


ފޮރިން ޕޮލިސީ މެގަޒިންއަކީ، ދުނިޔޭގެ ސިޔާސީ އަދި އިޤްތިސާދީ މަސްރަހާ ބެހޭ ގޮތުން ދުނިޔޭގައި ނެރެވޭ އެންމެ ޝަރަފްވެރި އެއް މެގަޒިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ މެގަޒިންއަށް ވަނީ، އެމެރިކާގައި މެގަޒިންތަކަށް ދޭ އެންމެ މަތީ އެވޯޑް ކަމުގައިވާ "ނޭޝަނަލް މެގަޒިން އެވޯޑް" 2009 ވަނަ އަހަރު ލިބިފަ އެވެ.


ފޮރިން ޕޮލިސީ މެގަޒިންގެ މި އަހަރުގެ "ޓޮޕް 100 ގްލޯބަލް ތިންކަރޒް" ލިސްޓަކީ، ދުނިޔެއަށް މިހާރު އައިސްފައިމިވާ ބަދަލުތައް ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ލިސްޓެއް ކަމުގައި، އެމެގަޒިނުން ބުނެފައިވެ އެވެ.


"ޓޮޕް 100 ގްލޯބަލް ތިންކާޒް"ގެ މިއަހަރުގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނިފައިވަނީ، ދުނިޔޭގެ މަޝްހޫރު ވިޔަފާރި ޝަޚްސިއްޔަތު ވޮރެން ބަފެޓް އާއި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އެވެ. ދުނިޔޭގެ އެހެން ވެރިންގެ ތެރެއިން، މިލިސްޓްގެ ތިންވަނައިގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ލިސްޓްގެ 31 ވަނައިގައި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން، އަދި ލިސްޓްގެ 85 ވަނައިގައި، ލައިބީރިއާގެ ރައީސް އެލަން ޖޯންސަން ސަރލީފް ހިމެނިވަޑައިގަންނަވަ އެވެ.