11 Oct 2013, 14:45
އަޟްހާ އީދު ދުވަސް ފައިމަގުގައި އުޅޭ ގޮތަށް ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލް މެމްބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ވިދާޅުވީ އީދު ދުވަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:00 އިން 10:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެދުވަހު ހަމައެކަނި ދުއްވޭނީ ސިޓީ ކައުންސިލުން ހުއްދަ ދޫކޮށްފައިވާ އުޅަނދު ތަކަށް އެކަންޏެވެ. އެއާ ޚިލާފުވާ ފަރާތްތައް 700ރ. ޖޫރިމަނާ ކުރާނެ އެވެ.
ރުކުމާ ވިދާޅުވީ އީދު ދުވަހު ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސީ ހަމައެކަނި މާލޭގައި ކަމަށެވެ.
ސިޓީ ކައުންސިލުން މި އަހަރުގެ އީދު ދުވަހާ ދިމާކޮށް މާލޭގައި ވަކި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ބައެއް އަމިއްލަ ފަރާތްތަކުން އެދުވަހު މާލޭގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިފައިވާތީ އެފުރުސަތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އީދު ފުރަތަމަ ދުވަސް ދިމާވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހާ އެވެ.