11 Oct 2013, 14:39
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދިނުމުގަޔާއި އަދި އެ ކޮމިޝަނުގެ ނިންމުންތައް ނިންމުމުގައި ދެ ފުށް ފެންނަ ގޮތަށް އެކަންކަން ކުރުމަށް އެމްޖޭއޭ އިން ގޮވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށް އަލުން އެ ބުރު ބޭއްވުމަށް އެންގުމުން، މި މަހުގެ 19 ވަނަ ދުވަހު އެ ބުރު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރީ ވެސް، ޕްރެސް ކޮންފަރެންސެއް ބޭއްވުމަކާ ނުލައި އަދި އިއުލާން ކުރުމަކާ ވެސް ނުލައި ވަކިވަކި މީޑިއާތަކަށް ދެއްވި މައުލޫމާތުތަކަކުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ތައްޔާރީތައް ވަމުން އައި އިރު، އެކިއެކި މީޑިއާތަކާ ގުޅައި އެ ތަންތަނުން ކޮމިއުނިކޭޓް ކުރާނެ ފޯކަލް ޕޮއިންޓްތަކެއް ކަނޑައެޅުމަށް ފަހު، މައުލޫމާތު ހިއްސާ ކުރުމާއި ނޫސްކޮންފަރެންސްތަކަށް އެންގުމުގައި ވެސް އެ އުސޫލުން އަމަލު ކުރި ކަމަށް އެމްޖޭއޭ އިން ބުންޏެވެ. ނަމަވެސް ފުރަތަމަ ބުރުގެ ވޯޓަށް ފަހު، އެ ވޯޓުގެ ނަތީޖާ އިއުލާން ކުރުން ފިޔަވައި އިންތިހާބުގެ އިންތިޒާމުތަކާއި ކަންކަން ކުރާ ގޮތް މީޑިއާ މެދުވެރިކޮށް އާންމުންނަށް އޮޅުންފިލުވައިދީ ނޫސްކޮންފަރެންސްތައް ބާއްވަމުން ނުދާކަން އެމްޖޭއޭ އިން ފާހަގަ ކޮށްފައިވެ އެވެ.
އެ ޖަމިއްޔާއިން ބުނީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަނީ ވޯޓުލާން ތިބި އާންމުންނަށް ދެ ފުށް ފެންނަ ގޮތަށް ކަންކަން އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ވަކިވަކީން މައުލޫމާތުދީ "ފިލައިތިބެ" ކަންކަން ކުރާ އުސޫލުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން އެއްކަމެއްގައި އެކިއެކި މީޑިއާތަކުން އެކި ގޮތްތަށް ހަބަރު ފެތުރުމުން ރައްޔިތުންނަށް އޮޅުން ބޮޅުން އަރާކަމަށް ވެސް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެމްޖޭއޭ އިން އަދި ބުނީ ކަންކަން ރަނގަޅަށް އޮޅުން ފިލުވައި ނުދީ އަދި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ރީ ރަޖިސްޓްރީ ކުރުމުގެ ޕްރޮސަސް ގެންދިޔުމުގެ ސަބަބުން އަލުން އެ މަސައްކަތް ކުރަންޖެހުމުން ވަގުތު ގެއްލި މުޅި ނިޒާމާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލުމަށް މަގުފަހިވެ، ގައުމުގެ ކުރިމަގަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހި އެކަމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ރަޖިސްޓްރީ ކުރުމާއި ވޯޓު ކަރުދާހުގެ ސައްހަކަމާއި ތަންތަނަށް އެތަކެތި ފޮނުވައި އަދި ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި އެކަކަށް އެއް ވޯޓަށް ވުރެ ގިނަ އިން ވޯޓު ނުލެވޭނެ ކަމުގެ ޔަގީންކަމަކީ ރައްޔިތުންގެ ހިތްތަކުގައި ޝައްކަކާއި ނުލައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކަށަވަރު ކޮށްދޭން ޖެހޭ ކަންކަން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ހުރިހާ ނިންމުންތަކެއް ދެ ފުށް ފެންނަ ގޮތަށް ކުރުމަށާއި ހިޔުމަންރައިޓްސް ކޮމިޝަނުންނާއި ޓްރާންސްޕޭރަންސީ އަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް އެ މަސްއޫލިއްޔަތު ޒިންމާދާރު ގޮތެއްގައި އުފުލުމަށް އެމްޖޭއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ތަފާތު ނުކުރުމަށް މީޑިއާ ކައުންސިލުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގޮވާލައިފަ އެވެ.