ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުޙައްމަދު ނާޒިމް ސިފައިންނާ ރޭ ބައްދަލު ކުރައްވައިފި އެވެ.

އެމްއެންޑީއެފުން ރޭ އާންމުކުރި ބަޔާނެއްގައި ބުނީ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލުކުރައްވައި ވިދާޅުވީ ސިފައިންގެ ލަޝްކަރުގެ ބަދަހި ސަފުތައް އެގޮތުގައި ދެމެހެއްޓުމަށާއި ގައުމަށް ދިމާވާ ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގައި ސިފައިން އަދާކުރަން ޖެހޭ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދެމިތިބުމަށް ގޮވާލައްވާ ކަމަށެވެ.

އަދި އެ މުއައްސަސާގެ ޝަރަފްވެރިކަމާއި ހައިބަތު އަދި ރައްޔިތުން ކުރަމުންދާ އިތުބާރު ދެމެހެއްޓުމަށް ޓަކައި ހުރިހާ ސިފައިންގެ ޢަމަލުތައް ބެހެއްޓުމުގެ މައްޗަށް ވެސް އިލްތިމާސް ކުރެއްވި އެވެ. އަދި ކުރިމަގުގައި ވެސް ސިފައިންގެ ސަފުތަކަކީ ބަދަހި އަދި އަސްކަރީ އަޚުލާޤާއި ސުލޫކުގެ އިންތަކުގެ ތެރޭގައި ޤައުމާއި ރައްޔިތުންނަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރަމުންދާ ބައެއްގެ ގޮތުގައި ސިފައިން ދެމިތިބޭތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ.