އިސްލާމްއާބާދު (އޮކްޓޯބަރު 11): ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފް މިދިޔަ ބުދަ ދުވަހު ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ފަހު އިއްޔެގެ ވަގުތެއްގައި ޕާކިސްތާނުގެ ފުލުހުން އަލުން އޭނާ ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ފުލުހުން އިއްޔެ މުޝައްރަފް ހައްޔަރުކޮށްފައި ވަނީ އިސްލާމް އާބާދުގައި ހުންނަ ލާލޭ މިސްކިތް ހިސާރު ކުރިހާދިސާ ނިމުމަކަށް ގެނައުމަށް 2007 އަހަރު އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ޢަސްކަރީ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައާ ގުޅިގެންނެވެ. އޭގެ ކުރިން މުޝައްރަފް ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫއާއި ބަލޫޝް ގަބަލީ ލީޑަރަކު އަވަހާރަކޮށްލި މައްސަލާގަ އެވެ.
އެ މައްސަލާގައި މުޝައްރަފް ހައްޔަރުކޮށްފައި ހުންނަތާ އެތައް މަހެއް ވުމަށް ފަހު މިދިޔަ ބުދަ ދުވަހު އޭނާ މިނިވަންކުރުމުން މުޝައްރަފް މަސައްކަތް ކުރައްވާފައި ވަނީ އަވަހަށް ގައުމުން ބޭރަށް ވަޑައިގަތުމަށެވެ. ނަމަވެސް ގައުމުން ބޭރަށް ފުރުއްވުމުގެ ކުރިން މުޝައްރަފް ވަނީ އަލުން ހައްޔަރުކޮށްފަ އެވެ. އިސްލާމް އާބާދުގައި ހުންނަ ލާލޭ މިސްކިތް ހިސާރުކުރި ހާދިސާ ނިމުމަކަށް ގެނައުމަށް މުޝައްރަފްގެ އަމުރުގެ ދަށުން ހިންގި ޢަސްކަރީ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހުން މަރުވުމުގެ އިތުރުން އެއޮޕަރޭޝަންގައި ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޢަބްދުއްރަޝީދު ޣާޒީ ގަސްދުގައި މަރާލާފައި ވަނީ މުޝައްރަފްގެ އަމުރަށް ކަމަށް ބުނެ އޭނާގެ އާއިލާއިން ވަނީ މުޝައްރަފްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިއްޔެ މުޝައްރަފް ހައްޔަރުކޮށްފައިވާ އިރު މިމައްސަލައިގެކުށް މުޝައްރަފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމުގެ ހުކުމެއް ނޫނީ މަރުގެ އަދަބުގެ ހުކުމެއް އޭނާގެ މައްޗަށް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަކީ 1999 ވަނަ އަހަރު މުޝައްރަފް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ގެންނެވި ޢަސްކަރީ އިންގިލާބުގައި ވެރިކަމުން ދުރުކޮށް ޖަލަށްލި އޭރުގެ ވެސް ބޮޑުވަޒީރެވެ.
އެހެންކަމުން ނަވާޒް ޝަރީފުގެ ސަރުކާރުން މުޝައްރަފާ ދެކޮޅަށް ގައުމަށް ޚިޔާނާތްތެރިކަމުގެ ދައުވާ އުފުލާނެކަމަށް ވަނީ ބެލެވިފަ އެވެ. ޕާކިސްތާނުގެ ކުރިން އޮތް ޕީޕީޕީގެ ސަރުކާރުން ވެސް މުޝައްރަފްގެ މައްޗަށް ގައުމަށް ޚިޔާނާތްތެރިވިކަމުގެ ދައުވާ އުފުލުމަށް ނިންމާފައިވެ އެވެ. މިދައުވާ އިން މިފަހަރު މުޝައްރަފަށް ސަލާމަތް ނުވެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)