11 Oct 2013, 13:30
ޓްރިޕޮލީ (އޮކްޓޯބަރ 11): ލީބިޔާގައި ގާނޫނީ ސަރުކާރާއި ގާނޫނުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނުގެންނާނެ ކަމަށް ވިދާޅުވެ ލީބިޔާގައި ވަގަށް ނެގުމަށް ފަހު އިއްޔެ މިނިވަން ކުރެވުނު އެގައުމުގެ ބޮޑުވަޒީރު އަލީ ޒީދާން މުހައްމަދު ވާހަކަ ދައްކަވައިފި އެވެ.
އިއްޔެ ޒީދާން ވަގަށްނަގައި އެތައް ގަޑިއިރެއް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު މިނިވަންކުރުމުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ލީބިޔާ އަށް ހިމޭންކަމާއި ސުލްޙަ ގެނައުމަށް އެންމެން ގުޅިގެން ހިކްމަތްތެރިކަމާ އެކު ބުއްދީގެ ބޭނުންކޮށްގެން ކަންކަން ކުރަން ޖެހޭ ކަމަށާއި ހަރުކަށިކަން ކުރިޔަށް ނެރެގެން ގައުމުގެ މުސްތަގްބަލް ބަނަވެގެންދާނެ ކަމުގައެވެ. ލީބިޔާގެ ބޮޑުވަޒީރު ޢަލީ ޒީދާން އިއްޔެ ހައިޖެކް ވަގަށްނަގާފައި ވަނީ ވެރިރަށް ޓްރިޕޮލީގައި އޭނާ ދިރިއުޅުއްވާ ފަސްތަރީގެ ހޮޓަލެއް ކަމަށްވާ "ކޮރިންތިޔާ" ހޮޓަލަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ހަތިޔާރުއެޅި 150 އަށް ވުރެ ގިނަ މީހުން ވަދެގަނެ ހަތިޔާރުން ބިރުދައްކައިގެންނެވެ.
ޒީދާން ހައިޖެކް ކުރުމަށް ފަހު ހަނގުރާމަވެރިންގެ ޖިޕެއްގައި އޭނާ އެހޮޓަލުން ބޭރަށް ގެންގޮސް ހައްޔަރުކޮށްފައި ބަހައްޓާފައި ވަނީ ގޮތްނޭނގޭ ތަނެއްގަ އެވެ. ޒީދާން މިނިވަން ކުރީ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ލީބިޔާ ސަރުކާރަށް ވާގިވެރިވާ ބައެއް ޖަމާއަތްތަކުން ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެ ޒީދާން ވަނީ އޭނާ މިނިވަންކުރުމަށް އެހީތެރިވި ޖަމާއަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އިއްޔެ ޒީދާން މިނިވަންކޮށްގެން ޓްރިޕޮލީ އަށް ގެނައިއިރު އޭނާގެ އިސްތިގްބާލްގައި ތިއްބެވީ ލީބިޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ޕާލަމެންޓްގެ މެންބަރުންނާއި ސިފައިންގެ އިސްއޮފްސަރުންނެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ޒީދާން މިނިވަންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލީބިޔާގެ ސަރުކާރުގެ ޓީވީ ޗެނެލްތަކާއި އަމިއްލަ ޗެނެލްތަކުންއޭނާ ވާހަކަ ދައްކަވާތަން ވަނީ ފެނިފަ އެވެ. މިނިވަންވެގެން އެނބުރި ޓްރިޕޮލީ އަށް ވަޑައިގަތުމަށް ފަހު ޒީދާންގެ ޒަޢާމަތުގެ ދަށުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަތިޔާރުއެޅި ފަރާތްތަކުން އޭނާ ހައިޖެކްކުރުމަށް ފަހު ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައާ ގުޅިގެން ސަރުކާރުން ކަންތައްތައް ކުރަން ބޭނުންވަނީ ހިކްމަތްތެރިކަމާއި މަޑުމައިތިރިކަމާ އެކުގައި ކަމަށާއި ހަރުކަށިކަމާއި ބާރު ކުރިޔަށް ނެރެގެން ނޫން ކަމުގަ އެވެ.
ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގެ ކޮންޓްރޯލް ވަނީ ހަތިޔާރުއެޅި މިލީޝިޔާތަކުގެ ދަށަށް ގޮސްފަ އެވެ. ލީބިޔާގެ ބޮޑުވަޒީރު އަލީ ޒީދާން ވަގަށްނެގުމަށް ފަހު އެތައް ގަޑިއިރަކަށް އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ކޮމާންޑޯސް އިންގެ ބަޔަކު ލީބިޔާ އަށް ގަވާއިދާ ޚިލާފަށް ވަދެ އަބޫއަނަސް އައްލީބީ ނަމަކަށްކިޔާ ލީބިޔާގެ ހަނގުރާމަވެރި ލީޑަރަކު ވަގަށްނަގައިގެން ލީބިޔާ އިން ބޭރަށް ގެންދިޔަ މައްސަލައަށް ބަދަލު ހިފުމުގެ ގޮތުންކަމަށް ޚަބަރު ލިބެ އެވެ. އަބޫއަނަސް ހައްޔަރު ކޮށްފައި ވަނީ އެމެރިކާގެ ކޮމާންޑޯސްގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި ލީބިޔާގެ ގްރޫޕަކުން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ލީބިޔާގެ ރައްޔިތެއް ކަމަށްވާ އުމުރުން 49 އަހަރުގެ އަބޫ އަނަސް އަކީ އަލްގާއިދާ އަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާއަކީ 1998 ވަނަ އަހަރު ކެންޔާ އާއި ޓެންޒެނިޔާގައިވާ އެމެރިކާގެ އެންބަސީތައް ގޮއްވާލި ހާދިސާގެ މޭސްތިރި ކަމަށް އެމެރިކާ ބުނެ އެވެ. އަބޫއަނަސް ވަގަށް ނެގުމުގެ އޮޕަރޭޝަން އެމެރިކާގެ ކޮމާންޑޯސް އިން ހިންގާފައި ވަނީ ބޮޑުވަޒީރު އަލީ ޒީދާނަށް އެނގިވަޑައިގެން އޭނާގެ ރުހުން ލިބިގެން ކަމަށް ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ތުހުމަތުކުރެ އެވެ.
ޒީދާން ވަގަށް ނެގީ އެމެރިކާގެ ހަރުކަށި އަމަލުތަކަށް އެއްބާރުލުން ދެއްވުމުގެ ސަބަބުން އޭނާ އަށް މެސެޖެއް ދިނުމަށް ކަމަށާ އެމެރިކާ އަށް ލީބިޔާގެ ކަންކަމުގެ ތެރެއަށް ނުވަދެވޭނެ ކަމަށާއި ހަނގުރާމަވެރިން ތިބީ އެމެރިކާގެ ހަރުކަށި އަދި ޣައިރު ގާނޫނީ އަމަލުތަކާ ކުރިމަތިލާން ތައްޔާރަށް ކަމަށްބުނެ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އެމެރިކާ އަށް އިންޒާރުދީފަ އެވެ.
ލީބިޔާގެ ޒުވާން ހަނގުރާމަވެރިންގެ ތެރޭގައި އަލްގާއިދާ އަށް ނިސްބަތްވާ ވަރަށް ހުނަރުވެރި އަދި ނުރައްކާތެރި ހަނގުރާމަވެރިން އެބަތިބި ކަމަށް އެމެރިކާ ގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)