11 Oct 2013, 10:28
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ އަގު ބޮޑު އެސެޓެވެ. ގައުމުގެ އިގްތިސާދުގެ މައި ދޮރާށިން ލިބޭ އާމްދަނީގެ ފައިދާ ހަމައެކަނި ލިބެނީ ސީދާ ސަރުކާރަށެވެ. ނަމަވެސް އެ ކުންފުނީގެ ފައިދާގެ ބައެއް ނަމަވެސް ސީދާ ރައްޔިތުންނަށް ލިބުމަކީ ވަރަށް ގިނަ ބަޔަކު ކުރާ އުއްމީދެކެވެ.
ދާދިފަހުން ސަރުކާރުން ވަނީ އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ހިއްސާގެ ބައެއް އާއްމުންނަށް ވިއްކުމަށް ނިންމައިފަ އެވެ. އެގޮތުން އެ ކުންފުނީގެ 40 ޕަސެންޓް އާއްމުންނަށް ވިއްކަން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދާދިފަހުން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ 40 ޕަސެންޓް ހިއްސާ އާއްމު ފަރާތްތަކަށް ވިއްކަން ހުޅުވާލާ އިރު، އަމިއްލަ ފަރުދުންނަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ގަނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ހުޅުވާލާނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ކުންފުނިތަކަށް ހިއްސާ ގަތުމަށް. އަޅުގަނޑުމެން މަސައްކަތްކުރަނީ ވަރަށް އަވަހަށް ހިއްސާ ގަންނަން ހުޅުވާލަން،" ޖިހާދު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކަން ނިންމި މައިގަނޑު ބޭނުމަކީ އެއާޕޯޓް ބޭރުގެ ބައެއްގެ އަތްމައްޗަށް ދިޔަ ނުދީ ސީދާ ކޮންޓްރޯލް ރައްޔިތުންގެ އަތްމަތީގައި ބޭއްވުމަށެވެ. އަދި ބޭރުގެ ބަޔަކަށް އެއާޕޯޓް ވިއްކުލުމަށް އޮތް ދޮރުތައް ބަންދުކުރުމަށެވެ.
ނަން ނުޖެހުމަށް އެދި ސަންއާ ވާހަކަ ދެއްކި އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީގެ ހިއްސާ އާއްމުންނަށް ވިއްކުމަކީ ސީދާ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މި ކުންފުންޏަށް ވުރެ ފައިދާ ބޮޑު ކުންފުންޏެއް ސަރުކާރުގައި ނެތް. ކުންފުނީގެ ހިއްސާ ވިއްކައިފި ނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވެސް ހިއްސާ ގަންނަން ތައްޔާރަށް މިހިރީ. އަޅުގަނޑުމެންނަށް އެބަ ފެނޭ އަހަރުން އަހަރަށް މި ކުންފުންޏަށް ލިބޭ ފައިދާ. މިއީ އަޅުގަނޑުމެން ވަރަށް ކުރިން ވެސް އުއްމީދުކުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ ވިއްކުމަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އެކަން ވީހާ ވެސް އަވަހަށް ކުރަން. މިހާރު މިގެންދަނީ އެކަމާ ގުޅޭ ތައްޔާރީތައް ވަމުން،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓްސް ކޮމްޕެނީއަށް އަހަރުން އަހަރަށް ލިބޭ އާމްދަނީ އިތުރުވަމުންނެވެ. އަދި ޖީއެމްއާރާއެކު ސޮއިކުރި އެއްބަސްވުން އުވާލި ފަހުން އެ ކުންފުންޏަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އެބައޮތެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު އެއާލައިންތަކުން ވަނީ ދަތުރުތައް ފަށައިފަ އެވެ. އޭގެ ސަބަބުން އެއާޕޯޓަށް އަންނަ ޕެސެންޖަރުންގެ އަދަދު އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިސް ބޭފުޅަކު ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ ދިވެހި ރައްޔިތުންނަށާއި 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވިއްކަން ނިންމުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެއް މިއީ. އަޅުގަނޑުމެން ބޭނުން އެއާޕޯޓް މިހާރަށް ވުރެ ބޮޑަށް ތަރައްގީކުރަން. އެކަމުގައި އަޅުގަނޑުމެންގެ ހިއްސާއެއް ވެސް އޮންނަ ގޮތަށް. ހިއްސާ ވިއްކައިފި ނަމަ ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން ގަނެވޭ އެންމެ ގިނަ އަދަދެއް ގަންނަން ތައްޔާރަށް މިތިބީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުނިން ލަފާކޮށްފައިވާ ގޮތުން މި އަހަރު އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީ 1.2 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިދުމަތް ހޯދި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 650،000 އިންޓަނޭޝަނަލް ޕެސެންޖަރުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 236،458 ޕެސެންޖަރުންނެވެ.
އެއާޕޯޓް ހިންގާ ކުންފުނިން އެއާލައިންތަކާ ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެއާޕޯޓުން 12،538 އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތްދީފައިވެ އެވެ.
އެމްއޭސީއެލް އިން ބުނީ މިއަހަރުގެ ނިޔަލަށް 1.4 މިލިއަން އިންޓަނޭޝަނަލް ޕެސެންޖަރުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޮޑު ފައިދާއެއް ލިބެމުން ދިޔަ އެއާޕޯޓު އެމްއޭސީއެލުން ހިންގަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު 25 އަހަރަށް ކުއްޔަށް ދީފަ އެވެ. އޭގެ ފަހުން މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރުގެ އެއްބަސްވުން އުވާލައި މިދިޔަ އަހަރު ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން އެއާޕޯޓް ހިންގަނީ އެމްއޭސީއެލް އިންނެވެ.
އެއާޕޯޓުގައި ސީދާ ރައްޔިތުންގެ ހިއްސާ އޮތުމަކީ މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެކަން ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ.