11 Oct 2013, 01:14
ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންނާއި ރަނިންމޭޓުން، އަލުން ބާއްވަންޖެހޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަނުކޮށް ދޫކޮށްލުމުގެ ހައްގު ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފި އެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް އާ އިންތިޒާމްތަކެއްގެ ދަށުން ފެށުމަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އިންތިހާބު ބާތިލް ކުރި ހުކުމްގައި ބުނާ "އަޙްކާމްތަކާއި" ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޅިން އަލުން ބާއްވަންޖެހޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަނުކޮށް ދޫކޮށްލުމުގެ ހައްގު ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ލިބިގެންވާ ކަމަށް އިންތިހާބު ބާތިލް ކުރި ހުކުމުން ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިހާބު، އާ އިންތިޒާމްތަކެއްގެ ދަށުން އަލުން ބާއްވާއިރު، އޭގެ ކުރީގައި ބޭއްވުނު ގާނޫނު އަސާސީއާ އެއްގޮތް ނުވުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ގަޟިއްޔާގައި ބާތިލްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ތެރެއިން ކޮންމެ ފަރާތަކީ ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ގަޟިއްޔާގައި ބަޔާންކޮށްފައިވާ އަޙްކާމްތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޅިން އަލުން ބާއްވަންޖެހޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމާއި ވާދަނުކޮށް ދޫކޮށްލުމުގެ ހައްގު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަން ކަނޑައެޅިގެން އެނގެން އޮވެ އެވެ." ސުޕްރީމް ކޯޓޫން މިރޭ ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިން ވާދަ ކުރި ކެންޑިޑޭޓުންނާއި ރަނިންމޭޓުން އަލުން ވާދަ ނުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ބުނެފައިވާއިރު، ބާތިލް ކުރި އިންތިހާބުގައި ވާދަކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓު އަހުމަދު ތަސްމީން އަލީ ހުންނެވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމަށް ނިންމަވައިގެންނެވެ. އަދި ތަސްމީން ވިދާޅުވެފައި ވަނީ ރައީސް ވަހީދުގެ ފަތަށް ވަޑައިނުގަންނަވާނެ ކަމަށެވެ.