11 Oct 2013, 00:10
މުޅިން އާ އިންތިޒާމްތަކެއްގެ ދަށުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިރޭ ނެރުނު އަމުރެއްގައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ދެ އިއުލާން ވަނީ ބާތިލް ކޮށްފަ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެ ދެ އިއުލާނީ އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ދީފައިވާ ގައިޑުލައިންތަކާ ޚިލާފަށް ނެރެފައިވާ އިއުލާންތަކެއް ކަމަށެވެ.
ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ތައްޔާރު ކުރުމާ، އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމްތައް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ދީފައިވާ ގައިޑުލައިންތަކުގައި ބުނެފައިވާ ގޮތުގެމަތިން މުޅިން އާ އިންތިޒާމްތަކެއްގެ ދަށުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ދެ އިއުލާން ސުޕްރީމް ކޯޓުން ބާތިލް ކޮށްފައި ވަނީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) ގެ އިތުރުން ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އެ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ގޮތާ މެދު ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.