ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ތާއީދު ފޯމުގައި އެމްޑީޕީގެ ބައެއް މެންބަރުން ސޮއިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެފަދަ މެންބަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.


އެމްޑީޕީގެ މީޑިއާ އޮފިޝަލް އިބްރާހިމް ރާމިޒް މިއަދު ވިދާޅުވީ އެފަދަ މީހުންނާ މެދު އަޅާނެ ވަކި ފިޔަވަޅެއް ކަނޑައެޅިގެން ވިދާޅުވާން ނޭނގުނު ނަމަވެސް އެފަދަ މެންބަރުންނާ މެދު ފިޔަފަޅު އަޅާނީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ކަމަށެވެ. އަދި އެފަދަ މީހުންގެ މައްސަލަތައް ފިޔަވަޅުއަޅާ ކޮމިޓީއަށް ފޮނުވާނެ ކަމަށާއި އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އަސާސީ ގަވާއިދުގެ ދަށުން ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޕާޓީ މެންބަރުން ނޫން ކެންޑިޑޭޓުންގެ ތާއީދު ފޯމުގައި އެމްޑީޕީގެ މެންބަރުން ސޮއިކުރަމުންދާ ކަމުގެ ޝަކުވާ ފުދޭވަރަކަށް ލިބެމުން އެބަދޭ އެފަދަ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް އެއީ ކޮންފިޔަވަޅެއްކަން ނިންމައި އެކަމާ މެދު ފިޔަވަޅު އަޅާނީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން،"


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ނުވަނީ، ޕާޓީ ޓިކެޓްގައި އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންނާއި ޕާޓީން ޓިކެޓް ނުލިބުނު މެންބަރުންގެ ސަބަބުން ކަމަށްވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ޓިކެޓްދޭ ފަރާތްތައް ފިޔަވައި އިންތިހާބަށް ކުރިމަތިލާ އެ ޕާޓީގެ މެންބަރުންނާ މެދު މިފަހު ހަރުކަށި ފިޔަފަޅު އަޅާނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.


އެޕްޑީޕީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތަކާއި ކަނޑައެޅުންތަކާއި އަދި އެހެނިހެން ޤަވައިދުތަކާ އެއްގޮތަށް ސުލޫކު ބަހައްޓައި އެކަންކަން ޤަބޫލުކުރުމާއި ޕާޓީގެ މަސްލަޙަތުތަކަށް ބުރޫނާރާނެ ގޮތަށް އުޅުން ބެހެއްޓުމާއި ޚާއްސަކޮށް ޕާޓީގެ އަޚްލާޤީ މިންގަނޑަށް ހުރުމަތްތެރިކޮށް ޕާޓީގެ އަސާސީ ޤަވާއިދުގައި ކޮންމެ މެންބަރެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ޤަވައިދާ އެއްގޮތަށް ވޯޓު ދިނުމާއި އަމަލުކުރުން  ޕާޓީގެ މެންބަރުންނަށް ލާޒިމް ކުރާ ހިނދު، އެ ޤަވައިދާ އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު، ޕާޓީގެ އަސާސީ ގަވާއިދުން ވަރަށް ފުޅާ ދާއިރާއެއްގައި ޕާޓީއަށް ލިބިގެންވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.