22 Mar 2010, 12:21
14:30
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށާއި އެ އެތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ މިކަމާބެހޭ ދެ އިޢްލާނު، ދިވެހި ސަރުކާރުގެ ގެޒެޓުގެ މިއަދުގެ އަދަދުގައި ވަނީ ޝާއިޢުކޮށްފަ އެވެ. އަދި އެ ދެ އިޢްލާނުގައި، މިކަންކަމަށް ޢައްޔަންކުރާ މީހުންގައި ހުންނަންވީ ސިފަތައް ބަޔާންކޮށްފައިވެ އެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެމައްޗަށެވެ. އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަނު ކުރާނީ،ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެޤާނޫނުގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެވެ.
މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރްޞަތު، މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.