ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް މުޅިން އާ ޕްލެޓް ފޯމަކަށް ބަދަލުކުރުމަށް މިރޭ 11:30ން ފެށިގެން 8:00 ދެމެދު މަސައްކަތްކުރާ ވަގުތު އޭޓީއެމްގެ ހިދުމަތާއި ކާޑުގެ ހިދުމަތް އަދި މޮބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް އާ ޕްލެޓްފޯމަކަށް ބަދަލުކުރުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ސެކިއުރިޓީ ކޯޑުގެ ބަދަލުގައި ހަމައެކަނި ޔޫޒާ ނޭމް އަދި ޕާސްވޯޑް އެކަނި ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ އިންޓަނެޓް ބޭންކިންއަށް ލޮގިންކުރުމުން އެކައުންޓް ބެލެންސް ޗެކުކުރުމާއި އެކައުންޓް މެދުވެރިކޮށް ހަދާފައިވާ ޓްރާންސްސެކްޝަންތަކުގެ ތަފުސީލް ވެސް ފެންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ފައިސާ ދައްކާ ނަމަ ނުވަތަ ފައިސާ ޓްރާންސްފާކުރާ ނަމަ އެއްފަހަރު ބޭނުންކުރެވޭ ޕާސްވޯޑެއް ޖަހަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިހާރު އިންޓަނެޓް ބޭންކިންގެ ޓޯކަން ބޭނުންކުރާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ޓޯކަން ބޭނުންކޮށްގެން ފާސްވޯޑް ޖެނެރޭޓްކުރެވޭނެ.އަދި ޕާސްވޯޑުގެ ގޮތުގައި ބޭނުންކުރަން ޖެހޭނީ ހަމައެކަނި ޓޯކަންއިން ދައްކާ ހަ އަކުރުގެ ޕާސްވޯޑު.ޓޯކަން ބޭނުންނުކުރާ ކަސްޓަމަރުންނަށް އެއްފަހަރު ބޭނުންކުރެވޭ ޕާސްވޯޑެއް އެސްއެމްއެސް މެދުވެރިކޮށް ފޮނުވޭނެ. މި އެސްއެމްއެސް ފޮނުވޭނީ އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީކުރިއިރު ބޭންކަށް ދީފައިވާ މޯބައިލް ނަންބަރަށް،" އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އަލަށް ގެނައި ބަދަލާ ގުޅިގެން ހުރިހާ ކަސްޓަމަރުންނަށް ވެސް އޮންލައިންކޮށް ތިންވަނަ ފަރާތަކަށް ފައިސާ ޖަމާކޮށް ނުވަތަ ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެހެން ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުމާއި އަދި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން ހިމެނޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެ ހިދުމަތްތައް މީގެ ކުރިން ލިބެމުންދިޔައީ ހަމައެކަނި އެ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ޕްރީއަމް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް އެކަނި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.