ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަލުން އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވުމަށް އަމުރުކޮށްދިނުމަށް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ޒަނީން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ އިންތިޒާމުތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވަމުން ނުދާތީ ކަމަށެވެ.

ޚާއްސަކޮށް ރަޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދަނީ ހުކުމާ އެއްގޮތަށް ނޫން ކަމަށާއި އެކަން އެ މައްސަލައިގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެ މައްސަލައިގައި އެދިފައި ވަނީ ރެޖިސްޓްރޭޝަނާ ބެހޭ ގޮތުން ހުކުމްގައި ހުރި ކަންތައްތައް ފުރިހަމަކުރުމަށާއި އަދި އެ ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންގައި ހިމެނޭ 16 ޕޮއިންޓަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މީގެކުރިން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު އަދިވެސް އެ މައްސަލައިގެ ހުކުމް އިއްވާފައެއް ނުވެއެވެ.