ބާރު ސުޕީޑުގައި ދުއްވައިފައި ދިޔަ ދެ ސައިކަލެއް ޖެހި ޏ. ފުވަމުލަކުގައި ހިންގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުވައްމުލަކުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ އެ ރަށު ކަނޑި، ފާކިހް އަލީ، 18، އަށެވެ. އެކްސިޑެންޓުގައި ފާކިހްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ ފައިބަމުންދާ ކަމަށް ފުވަމުލަކު އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

"ސަން"އާ ވާހަކަދައްކަވަމުން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ފާކިހް ހޮސްޕިޓަލަށް ގެނައިރު އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން މާ ބޮޑެތި ޒަހަމްތަކެއް ފެންނަން ނެތް ކަމަށާއި ނަމަވެސް ނިތްކުރިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ނިތްކުރިން ފަޅައިގެން ގޮސްފައިވާ ތަނުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ ފައިބަމުންދާ ކަމަށާއި އަނގަޔާއި ނޭފަތުން ލޭއަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުން ބެލި ބެލުމުގައި ހަށިގަނޑުގެ ބޭރުން މާބޮޑު ގެއްކުން ތަކެއްވެފައެއް ނެތް. ވައަތް ފަރާތުން ބުމަ ކައިރިން ވަރަށް ބޮޑަށް ފަޅައިގެންގޮސްފައި އެބަހުރި. ދެން އެތަނުން ނާށިގަނޑު ތެރެއަށް ސިކުނޑިއަށް ލޭ ފައިބާ ކަމަށް ބެލެވިފައި އޮތީ. ދެން ފަހުން ގޮސް ހޮޑުލާއިރު ވެސް އަދި ނޭފަތުން ވެސް ލޭ ފައިބަމުން ދިޔައީ،" ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާކިހަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އައްޑޫ ސީޓީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި "ވީހާ ވެސް އަވަހަކަށް" މާލެ ފޮނުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވީ މިރޭ ފަތިހު ފާކިހް މާލެ ފޮނުވާލާނެ ކަމަށެވެ.