އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ރައީސް މުހައްމަދު ވަހީދު ކުށްވެރިކުރައްވައިފި އެވެ.

ރައީސް އޮފީހުން މިރޭ ހަމައެނި އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ވަގުތަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅި ނަމަވެސް ސިޔާސީ ގޮތުން މިހާ ބޮޑަށް ނުތަނަވަސްވެފައި ދަނޑިވަޅެއްގައި ހައްލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"އެކަމުގެ ސަބަބުން މިހާ ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހައްލެއް ލިބޭނެ ކަމަށް ނުބެލެވޭ،" އެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ނަޝީދުގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް އެވެ.

އެ މައްސަލައާ ގުޅިގެން ކޮމަންވެލްތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ކެންޑިޑެންސީ ގަބޫލުކޮށްފައިވާ ބޭފުޅުންނަށް އެ ފުރުސަތު ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

ކޮމަންވެލްތުގެ ހާއްސަ މަންދޫބު ޑޮނަލްޑް މެކިނަން ނެރުއްވި ބަޔާނެއްގައި ވަނީ އިލެކްޝަން ކޮމިޝަންގެ ފަރާތުން މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ވަމުންދާ ތައްޔާރީތައް ވަރަށް ރަނގަޅު ކަމަށެވެ.