މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 670 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު އާއްމުކުރި މިދިޔަ މަހު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ 671.6 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 0.3 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 34.3 މިލިއަން ރުފިޔާ އެވެ.

މިރާއަށް މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 274.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 197.5 މިލިއަން ރުފިޔާ ލިބިފައި ވަނީ ޓޫރިޒަމް ދާއިރާއިންނެވެ. މުޅި މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 40 ޕަސެންޓް އިތުރުވެފަ އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ލޭންޑް ރެންޓްގެ ގޮތުގައި 218.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 32.5 ޕަސެންޓް މަދު އަދަދެއް ކަމަށް އެ އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން މިދިޔަ މަހު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި އެވެ. ސާވިސް ޗާޖުގެ 26.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ޖުމްލަ ލިބިފައި ވަނީ ހަތް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 5.7 ބިލިއަން ރުފިޔާ އެވެ.