މިއަހަރު އަޟްހާ އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި މާލޭގެ މަގުތަކާއި އިމާރާތްތަކާ އެހެނިހެން ސަރަހައްދުތައް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތި ނަޝްވާ ވިދާޅުވީ އީދު ބަންދަކީ ސަރުކާރު ބަންދު ދުވަސްވަރަކަށްވާތީ ގިނަ އަދަދެއްގެ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާނެތީ ސަރުކާރުގެ އޮފީސްތަކާއި ބެންކުތަކާއި އަމިއްލަ ފާރާތްތަކުގެ ތަންތަނާއި ގޯތިގެދޮރު ވެސް ގިނަ ވަގުތުތަކުގައި ހުންނީ ބަންދުކޮށްފައި ކަމަށެވެ. އެހެންކަމުން ޚާއްސަ ގޮތެއްގައި އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ ގޭގެ އެންމެން އެކުގައި ގެދޮރު ދޫކޮށް އެއްވެސް ތަނަކަށް ފުރައިގެންދާނަމަ ގޯތި ގެދޮރު ރަނގަޅަށް ތަޅުލުމާއި ގެދޮރު ބަލަހައްޓަން އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަކީވެސް ކޮންމެހެން މުހިއްމުކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު އޮފީސްތަކާއި ބޭންކުތަކާއި ކޮމްޕެނީތަކާ އަމިއްލަ މީސްމީހުންގެ އޮފީސްތައްވެސް ބަންދުކޮށްފައި ބަހައްޓާއިރު އޮފީހުގެ ތިޖޫރީތަކުގެ ފައިސާ ނުބެހެއްޓުމަށާއި އޮފީހުގެ ސެކިއުރިޓީ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިލްތިމާސްކުރާކަމަށެވެ.

އޮފީސްތަކާއި އެހެނިހެން ތަންތަން ބަންދުކޮށްފައި ހުރިނަމަވެސް އެތަންތަނުގެ ހާލަތު މަދުވެގެން ކޮންމެ ސައުވީސް ގަޑިއިރަކުން ދެނެގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި ގޭގައި ހުންނަ އަގުބޮޑު މުދަލާއި އިލެކްޓްރޯނިކް ސާމާނުފަދަ ތަކެތި ރަނގަޅަށް ރައްކާކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް ސައިކަލްތަކާއި އެހެނިހެންވެސް ވެހިކަލްތައް ގިނަ ދުވަހު ޕާކްކޮށްފައި ބަހައްޓާނަމަ އެކަހެރި ތަނެއްގައި ބެހެއްޓުމުގެ ބަދަލުގައި ރަނގަޅަށް އަލި ހުންނަ މީހުން ގިނައިން އުޅޭ ތަންތަނުގައި ބެހެއްޓުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ޢީދު ބަންދު ތެރޭގައި މާލޭގެ މަގުތަކާއި އިމާރާތްތަކާއި އެހެނިހެން ސަރަހައްދުތައް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން ނަޝްވާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަބަދުވެސް މިފަދަ ކޮންމެ ކަމެއްގައި ފުލުހުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އީދު ބަންދުތެރޭގައި ތަންތަނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެންމެ ކައިރީ ހުންނަ ވިލީ ފުލުސް އަކަށް ނުވަތަ ފުލުހުންގެ މައިމަރުކަޒަކަށް އަތޮޅު ތެރޭގައިނަމަ ޕޮލިސް ސްޓޭޝަނަކަށް އަންގައި އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހަމައެއާއެކު އީދު ބަންދަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުތައް ކުރާ ދުވަސްވަރަކަށް ވާތީ ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައި ސަލާމަތީގޮތުން އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.