10 Oct 2013, 20:54
ރާއްޖެ ޓީވީގައި ރޯކޮށްލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން މޫނުނިވާކުރަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުކޮށް އެމީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ އާންމު ކުރި 1:10 ސިކުންތުގެ ވީޑިއޯ އިން އިސްލާމިކް ބޭނުންކުގެ މައި ދޮރު ކުރިމަތީގައި ތިބެ ތިން މީހަކު މޫނުނިވާ ކުރާ މަންޒަރު ފެނެއެވެ.
އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ދެ މީހަކު ސައިކަލެއްގައި އިސްލާމިކް ބޭންކުގެ މައި ދޮރު ކުރިމައްޗަށްވާގޮތަށް މަޑުކުރާ މަންޒަރެވެ. ސައިކަލްގައި މަޑުކުރާ މީހާގެ މޫނު ފެނުނުނަމަވެސް އެ ސައިކަލްގެ ފަހަތުގައި އިންމީހާ ކެމެރާއަށް އަރާފައި ނުވެއެވެ. ނަމަވެސް ސައިކަލްގެ ފަހަތުގައި އިން މީހާގެ ހިޔަނި ބޭންކުތެރޭގައި ހުރި ބިއްލޫރިގަނޑުން ފެނެއެވެ.
ހަމައެއާ އެކު ފަސް ސައިކަލްގައި 10 މީހަކު ބޭންކުގެ މައިދޮރު ކުރިމަތިންދާ މަންޒަރު ފެނެއެވެ. އެ ފަސް ސައިކަލްގެ ތެރެއިން އެއް ސައިކަލެއްގެ ފަހަތުގައި އިން މީހަކު ފޮތިގަނޑެއް ހިފައިގެން އެތަނުގައި މަޑުކޮށްލައިގެން ތިބި ދެ މީހުންނާ ދިމާލަށް ގޮސް އެ އެންމެން މޫނުނިވާ ކުރާ މަންޒަރުވެސް އެ ވީޑިއޯ އިން ފެނެއެވެ.
އެ ވީޑިއޯއިން މޫނު ރަނގަޅަށް ފެންނަ ދެ މީހުންގެ މޫނުގައި ބޮޅުއަޅައި ފާހަގަކޮށްފައި ވެއެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ހޮޓްލައިން 3322111 އަށް ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ އއ. އުކުޅަސް ބީޗްހައުސް ކާމިލް އިބްރާހީމް ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ އަދިވެސް ފެނިފައިނުވާ ކަމަށާއި އޭނާ އުޅޭތަނެއްގެ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
http://www.youtube.com/watch?v=E_VCSb0jBDw