28 Nov 2010, 11:56
އެމެރިކާގެ ރިޔާސަތުގައި ޖޯރޖް ޑަބްލިޔު. ބުޝް ހުންނެވި ދުވަސްވަރު އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނަށް އަރައިގަތީ އަފްޣާނުން ޠާލިބާނުންގެ ބާރު ކަނޑުވާލުމުގެ ނަމުގައެވެ. އެމެރިކާގެ މަޤުޞަދުތަކުގެ ތެރޭގައި މެދުތެރޭ އޭޝިޔާއަށް ބާރުފޯރުވުމާއި އެ ސަރަޙައްދުން އިގުތިސާދީ ފައިދާތަކެއް ހޯދުންފަދަ ކަންތައްތައްވެސް ހިމެނޭކަމަށް ބައެއް މުހައްލިލުން ދެކެއެވެ. ނަމަވެސް އެއިރުވެސް، އަދި މިހާރުވެސް އެމެރިކާގެ ސަރުކާރުގެ ރަސްމީ އުޒުރަކީ އަފްޣާނުގައި ޠާލިބާނުންގެ މަދަދާއި އެހީތެރިކަމާއެކު ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތެވެ. އުސާމާ ބިން ލާދިނާއި އޭނާގެ އަލްގާއިދާ ޖަމާއަތުގެ މަރުކަޒުތަކެއް އަފްޣާނުގައި ހުރިކަމުގެ ދަޢުވާއެވެ. އަނިޔާވެރި އަސްކަރީ ހަމަލާތަކަކަށްފަހު އެމެރިކާގެ ސިފައިން އަފްޣާނަށް އަރައިގަނެ، ޠާލިބާނުންގެ ބާރު ކަނޑުވާލިއެވެ. އެމެރިކާ ރުހޭ ފަދަ ސަރުކާރެއް އެޤައުމުގައި ޤާއިމުކޮށް، ޙާމިދު ކަރުޒާއީއަށް ޤައުމުގެ ރިޔާސަތުގެ ލަގަން ދިނެވެ. އެއަށްފަހު އެތައް އަހަރެއް ވެފައިވާ އިރު، އަފްޣާނުގައި އަދިވެސް ހަމަޖެހުމެއް ނެތެވެ. ޤައުމުގެ މައްސަލަތައް ޙައްލުކުރުމުގައި، ކަރުޒާއީގެ ސަރުކާރަށް އެކަށީގެންވާފަދަ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ދޭހަވާ ގޮތުގައި ޠާލިބާނުންގެ ބާރު އަނެއްކާވެސް އަފްޣާނުގައި ދަނީ ގަދަވަމުންނެވެ. ކައިރި މުސްތަގުބަލެއްގެ ތެރޭގައި އަފްޣާނުގެ މިހާރުގެ ސަރުކާރު ވެއްޓި، ޤައުމުގެ ބާރުވެރިކަން އަނެއްކާވެސް ޠާލިބާނުންގެ އަތްމައްޗަށް ދަނީ ބާވައޭ، މި ސުވާލު އުފެދޭ ކަހަލަ ގޮތަކަށް ޤައުމުގެ މަސްރަޙު ދަނީ ބަދަލުވަމުންނެވެ.
ޠާލިބާނުންނަކީ ކޮން ބައެއްތޯ މި ސުވާލަށް އެކި މީހުން ދެނީ އެކި ޖަވާބެވެ. ބައެއް މީހުންގެ ނަޒަރުގައި ޠާލިބާނުންނަކީ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރަން މަސައްކަތްކުރާ އިސްލާމީ މުޖާހިދުންގެ ޖަމާޢަތެކެވެ. ބައެއް މީހުން ބުނާގޮތުގައި އެމީހުންނަކީ އިސްލާމް ދީނާއި ދީނުގެ ރޫޙު ޙައްޤު ގޮތުގައި ނުދެނެ ތިބެ، ތިމާމެންގެ ހަރުކަށިކަމާއި ޖައްލާދީ ވިސްނުން އިސްލާމް ދީނުގެ ތަރަހައަށް ފައްތައިގެން، ތިމާމެންގެ އަމިއްލަ ފިކުރުތަކާ އެއްގޮތް އިޖުތިމާޢީ ބިނާއެއް އުފައްދަން މަސައްކަތްކުރާ ޙައްދު ފަހަނައަޅާފައިވާ ޖަމާޢަތެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެމީހުންނަކީ ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށްޓަކައި އިސްލާމް ދީން ހަތިޔާރަކަށް ނަގައިގެން އުޅޭ ބައެކެވެ. އެހެންކަމުން ޠާލިބާނުންނަކީ ކޮންބައެއްތޯ މި ސުވާލަކީ މިއަދުވެސް ވަރަށް މުހިއްމު ސުވާލެކެވެ. މިއަދުގެ ޙާލަތަށްވެސް ވަރަށް މުނާސިބު، ވަރަށް މުވާފިގު ސުވާލެކެވެ.
ޠާލިބާން ޖަމާޢަތުގެ ނަން ދުނިޔޭގެ ސަމާލުކަމަށް އައީ 1990 ގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. ރޫސީ ވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފެއިބުމަށްފަހު ދެން އައި ހަލަބޮލި އަހަރުތަކުގެ ތެރޭގައެވެ. ޠާލިބާނުންގެ ޙަރަކާތްތައް ފެށުނީ ޕާކިސްތާނުގެ އުތުރު ސަރަޙައްދުގައެވެ. އެއިރު މި ޙަރަކާތުގެ މުގުލުގައި ތިބީ، އަދި އެ ޙަރަކާތުގެ މެންބަރުންގެ ތެރޭގައި ގިނައީ ޕުޝްތޫ ދަރިކޮޅުގެ ޒުވާނުންނެވެ. ޕުޝްތޫ ދަރިކޮޅުގެ މީހުންނަކީ ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަޙައްދުގައި، ދެ ޤައުމުގައިވެސް އުޅޭ ނަސްލެކެވެ. އެމީހުންގެ ތެރޭގައި ހުރި އެތައް ސަތޭކަ ދީނީ މަދަރުސާތަކުގެ ތެރެއިން ގިނަ ތަންތަނަކީ ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބޮޑެތި އެހީތެރިކަމެއް ވެދީގެން ހިންގަމުން އައި ތަންތަނެވެ. މި ތަންތަނަކީ ދީނީ ގޮތުން ހަރުކަށި ވިސްނުންތަކެއް ގެންގުޅުނު ތަންތަނެވެ. އެހެންކަމުން އެތަންތަނުން ކިޔަވައިގެން ނިކުންނަމުންދިޔަ ޒުވާނުންގެ ތެރެއިން ގިނަ މީހުންނަކީވެސް އެފަދަ ހަރުކަށި ވިސްނުންތަކެއް ގެންގުޅުނު ބަޔެކެވެ. ޠާލިބާން ޖަމާޢަތުގެ ބިންގާ އެޅީވެސް މި ދެންނެވި މީހުންނެވެ. އަފްޣާނިސްތާނުގެ މަސްރަޙުގައި ޠާލިބާނުންނަށް މުހިއްމު މަޤާމެއް ލިބެން ފެށީ 1994 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައެވެ. ކަންދަހާރު އެމީހުންގެ ބާރުގެ ދަށަށް ދިޔުމާ ގުޅިގެންނެވެ. އެހިސާބުން ފެށިގެން، އަފްޣާނުގެ ވެރިކަމާހެދި ތަޅައިފޮޅަން ފެށި އެތައް ޖަމާޢަތެއްގެ ތެރެއިން އެންމެ ވަރުގަދަ ބައެއްގެ ގޮތުގައި ހިންދެމިލީ ޠާލިބާނުންނެވެ.
އަފްޣާނުގެ ސިޔާސީ ބާރުވެރިކަމުގެ މަޤާމަށް ފައިނަގައިގެން ތެދުވުމަށްފަހު، ޠާލިބާނުން ވި ވަޢުދަކީ އަފްޣާނަށް ސުލްޙަ މަސަލަސްކަން ގެނެސްދޭނެކަމުގެ ވަޢުދެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކަށް ދާއިމީ ނިމުމެއް ގެނެސްދޭނެކަމުގެ ވަޢުދެވެ. އިސްލާމް ދީނުގެ ދާއިރާގެ ތެރޭގައި، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤައުމުގެ ވެރިކަން ކުރާނެކަމުގެ ވަޢުދެވެ. މި ވަޢުދުތަކަށް އަފްޣާނިސްތާނުގެ ރައްޔިތުން އިތުބާރުކުރިއެވެ. ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އެމީހުންނާ ބައިވެރިވެ، އެމީހުންނަށް މަދަދު ކުރިއެވެ. ނަތީޖާއަކީ ޤައުމުގެ ސަރަޙައްދަކަށް ފަހު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށަށް އައުމެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ކޮންމެ ސަރަޙައްދެއްގައި އެމީހުން ގެންދިޔައީ ވަރަށް ހަރުކަށި އިޖުތިމާޢީ ނިޒާމެއް ތަންފީޒުކުރަމުންނެވެ. ފިރިހެނުން ތުނބުޅި ދިގުކޮށް، އަންހެނުން މުޅި ހަށިގަނޑާއި ބޯ ނިވާކުރަން މަޖުބޫރުކުރުވާ ޤާނޫނުތައް ތަންފީޒު ކުރަމުންނެވެ. އިންޓަރނެޓާއި ޓީވީއާއި މިޔުޒިކާއި ފިލްމުބެލުންފަދަ ކަންތައްތައް މަނާކުރަމުންނެވެ. ޢުމުރުން 10 އަހަރަށްވުރެ ދޮށި އަންހެން ކުދީން ތަޢުލީމު ޙާސިލުކުރުމަށްޓަކައި ގެއިން ބޭރަށް އެއްވެސް މަދަރުސާއަކަށް ނުވަތަ މުއައްސަސާއަކަށް ދިޔުން މަނާކުރަމުންނެވެ. ގެއިން ބޭރުގައި އަންހެނުން މަސައްކަތްކުރުންވެސް މަނާކުރަމުންނެވެ. 1998 ވަނަ އަހަރުގެ ތެރޭގައި ޠާލިބާނުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް %90 ސަރަޙައްދު އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު އެމީހުން ކާބުލް ފަތަޙަކުރިއެވެ. އަދި ޤައުމުގައި އެމީހުންގެ ސަރުކާރެއް ޤާއިމުކުރިއެވެ. އެއިރު ޖަމާޢަތުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ މަޝްހޫރު މުއްލާ މުޙައްމަދު ޢުމަރެވެ. މުޅި ޤައުމުގައި ކަހަލަ ގޮތަކަށް ޠާލިބާނުންގެ ބާރު ހިންގަން ފެށުމާއެކު، އެބައިމީހުންގެ ހަރުކަށި އުސޫލުތައް މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށުން ޤައުމުގައި ތަންފީޒުކުރަން ފެށިއެވެ.
މި ހުރިހާ ކަމެއް ހިނގައި ދިޔައިރު، ޠާލިބާނުންނަށް އެންމެ ބޮޑު ތާއީދެއް ކުރި އެއް ޤައުމަކީ ޕާކިސްތާނެވެ. 1996 ވަނަ އަހަރު ޠާލިބާނުންގެ ސަރުކާރު ރަސްމީ ގޮތުން ޤަބޫލުކުރި އެންމެ ފުރަތަމަ ތިން ޤައުމުގެ ތެރޭގައިވެސް ޕާކިސްތާން ހިމެނެއެވެ. އަނެއް ދެ ޤައުމަކީ ސުޢޫދީ ޢަރަބިޔާއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯރލްޑް ޓްރޭޑް ސެންޓަރަށް ދެވުނު ޙަމަލާއަށްފަހު، ދުނިޔޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމުގެ ތެރޭގައި، އެމެރިކާ ރުއްސުމަށްޓަކައި ޠާލިބާނުންނާ ގުޅުން ކަނޑާލުމުގައިވެސް އެންމެ ފަސްވެއޮތް ޤައުމަކީ ޕާކިސްތާނެވެ.
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯރލްޑް ޓްރޭޑް ސެންޓަރަށް ދެވުނު ޙަމަލާ، ނުވަތަ އެގާރަ ނުވައެއްގެ ޙަމަލާއަށްފަހު ޠާލިބާނުންގެ މައްސަލަ ދުނިޔޭގެ ސިޔާސީ މަސްރަޙުގެ އެންމެ ހޫނު މައްސަލައަށް ވެގެން ދިޔައެވެ. އެ ޙަމަލައާ ގުޅިގެން އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަވެސް ތުހުމަތުގެ އިނގިލި ދިއްކުރީ "އަލްގާއިދާ" އެވެ ކިޔޭ ޓެރަރިސްޓް ޖަމާޢަތަކަށެވެ. އެމެރިކާ ސަރުކާރުން ދަޢުވާކުރިގޮތުގައި އަލްގާއިދާގެ މަރުކަޒުތައް ޤާއިމުކުރެވިފައި ހުރީ ޠާލިބާނުންގެ އެހީތެރިކަމާއެކު އަފްޣާނިސްތާނުގައެވެ. އަދި އަލްގާއިދާ ޖަމާއަތުގެ ލީޑަރު، އުސާމާ ބިން ލާދިން އުޅެމުން ގެންދިޔައީ ޠާލިބާނުންގެ ޙިމާޔަތުގައި އަފްޣާނިސްތާނުގައެވެ. މި ތުހުމަތުތަކާއެކު އެމެރިކާ ސަރުކާރުން ޠާލިބާނުންނަށް އިންޒާރުތައް ދީ، އުސާމާ ބިން ލާދިނާއި އަލްގާއިދާ ޖަމާޢަތުގެ އިސް ލީޑަރުން އެމެރިކާއާ ހަވާލުކުރަން ޖެހޭނެކަމަށް ބުނަން ފެށިއެވެ. އަދި އަފްޣާނުގައި ހުރި އަލްގާއިދާގެ ހުރިހާ މަރުކަޒުތަކެއް ނެއްތައިލަން ޖެހޭނެ ކަމަށް ބުނަން ފެށިއެވެ. އެ ކަންތައް ނުކޮށްފިނަމަ އަފްޣާނަށް އަރައި ޠާލިބާނުންގެ ވެރިކަމާއި ބާރު ނިމުމަކަށް ގެންނާނެކަމުގެ އިންޒާރުވެސް ދޭން ފެށިއެވެ. މި އިންޒާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަން ޠާލިބާނުން އެއްބަސްނުވުމުގެ ނަތީޖާއަކީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރީން އަފްޣާނަށް އަރައިގަތުމެވެ. އަދި ޠާލިބާނުންގެ ސަރުކާރު ވައްޓާލައި، އެމެރިކާގެ އެކުވެރި ޙާމިދު ކަރުޒާއީއާއި އޭނާގެ އެކުވެރީންގެ ސަރުކާރެއް އަފްޣާނުގައި ޤާއިމުކުރުމެވެ. 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ލަޝްކަރުތައް އަފްޣާނަށް ދޭން ފެށި ވަރުގަދަ ޙަމަލާތަކާއެކު، ޠާލިބާނުން މުޅީން ބަލިކޮށް ކާބުލްގެ މައްޗަށް އެމެރިކާގެ ބާރުފޯރުވޭވަރުވީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.
ޙާމިދު ކަރުޒާއީގެ ސަރުކާރު އުފެދުނުތާ އެތައް އަހަރެއް ފާއިތުވެގެން ދިޔުމަށްފަހު، މިހާރު އަނެއްކާވެސް ޠާލިބާނުންގެ ބާރު ގަދަވަމުންދާކަމަށް ބެލެވެއެވެ. އަފްޣާނާއި ޕާކިސްތާނުގެ އެކިއެކި ސަރަޙައްދުތަކަށް ވިއްސިވިހާލިވެފައިވާ ޠާލިބާނުންގެ މެންބަރުންނާއި، އަލަށް އެ ޙަރަކާތުގައި ބައިވެރިވާ ޒުވާނުންގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުންތައް ޤާއިމުކުރެވި، މި ޖަމާޢަތްތައް އެއް ވަލަކަށް މެހެމުންދާކަމަށްވެސް ބެލެވެއެވެ. މިގޮތުން ޠާލިބާނުންގެ ޙަރަކާތްތަކުގެ އާ ބާބެއް ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާކަމަށް ބެލެވެނީ ތަޙްރީކެ ޠާލިބާނެ ޕާކިސްތާން، ނުވަތަ ޓީޓީޕީ އެވެ. މި ޖަމާޢަތުގެ ލީޑަރަކީ ޙަކީމުﷲ މަސްޙޫދެވެ. ޓީޓީޕީއަކީ މިހާރުވެސް އަފްޣާނިސްތާނާއި ޕާކިސްތާނުގެ އެކިއެކި ސަރަޙައްދުތަކުގައި ފިދާއީ ބޮމުގެ ޙަމަލާތައް ދިނުމުގައި ވަރަށް ކުރީ ސަފުގައި އުޅޭ ޖަމާޢަތެއްކަމަށް ބުނެވެއެވެ. ނަމަވެސް، އަދިވެސް ޠާލިބާނުންގެ އެންމެ އިސް ލީޑަރަކީ މުއްލާ މުޙައްމަދު ޢުމަރެވެ. ޙަކީމުﷲ މަސްޢޫދު ފަދަ ބޭފުޅުންވެސް ތިއްބެވީ، ރޫސީންނާ ދެކޮޅަށް ކުރެވުނު ޖިހާދުގައި ކަނާއަތު ލޯފުޅު ޤުރުބާންކުރައްވާފައިވާ މުއްލާ ޢުމަރުގެ ފަހަތްޕުޅުގައިކަމަށް ބުނެވެއެވެ.
މިހާރު އެމެރިކާއާއި ނޭޓޯއިން ރާވަމުން ގެންދަނީ އަފްޣާނިސްތާނުން ފައިބައި، އަފްޣާނިސްތާނުގެ ހުރިހާކަމެއް ކަރުޒާއީ ސަރުކާރާ ޙަވާލުކުރުމަށެވެ. އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޮސް އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނުން މުޅީން ފައިބަން ރޭވިފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިއީ މުޅީން ފައިނަލްކުރެވިފައިވާ ޝެޑިއުލެއް ނޫންކަމަށާއި، ހަމައެކަނި ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ކަމަށް، މިހާރު ޕޯރޗުގަލްގެ ލިސްބަންގައި ހުންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނުން ފައިބައިފިނަމަ، އެ ހިސާބުން އަނެއްކާވެސް ޠާލިބާނުންގެ ދައުރެއް ފެށިދާނެކަމާމެދު ބައެއް މީހުން ޝައްކެއް ނުކުރެއެވެ. ނަމަވެސް އެމެރިކާއާއި އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވާގޮތުގައި ޠާލިބާނުންގެ ކޮންމެ ޙަރަކާތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުއެޅޭފަދަ ޢަސްކަރީ ބާރަކާއި ފުލުސް ފޯހެއް އަފްޣާނުގައި މިހާރު އެބައޮތެވެ.
ޠާލިބާނުންގެ ޙަރަކާތްތައް ފެށުނު ދުވަސްވަރު ޕާކިސްތާން ސަރުކާރުގެ ތާއީދު އެމީހުންނަށް އޮތަސް، މިއަދު ޠާލިބާނުންނާމެދު ޕާކިސްތާން ސަރުކާރުގެ ސިޔާސަތު މުޅީން ތަފާތެވެ. މިހާރު ޕާކިސްތާނުން ގެންގުޅެނީ ޠާލިބާނުންނާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ މައިގަނޑު ދެ ސަބަބެއް ވާ ކަމަށް ބެލެވެއެވެ. އެއް ސަބަބަކީ ޠާލިބާނުންގެ ސަބަބުން ޕާކިސްތާނުގެ މަސްލަޙަތުތަކަށް ލިބިފައިވާ ގެއްލުމާއި، ޕާކިސްތާނުގައި އެމީހުންގެ ސަބަބުން އުފެދިފައިވާ ދާޚިލީ މައްސަލަތަކާއި ހަމަނުޖެހުންތަކެވެ. އިދިކޮޅު ފަރާތްތަކާމެދު ޠާލިބާނުން ގެންގުޅޭ ހަރުކަށި، ޙަމަލާދީ ތަޅައިމެރުމުގެ ސިޔާސަތުގެ ސަބަބުން ޕާކިސްތާނުގެ އެތެރޭގައި އުފެދޭ ހަމަނުޖެހުންތަކެވެ. ދެވަނަ ސަބަބަކީ އެމެރިކާ ރުއްސުމުގެ ގޮތުން ޠާލިބާނުންނާ ދެކޮޅަށް ހަރަކާތްތެރިވާން މަޖުބޫރުވުމެވެ. އެހެންކަމުން އެމެރިކާއާއި ނޭޓޯއާއެކު، ޕާކިސްތާން ސަރުކާރުވެސް މިހާރު އޮތީ ޠާލިބާނުންގެ ދުޝްމަނެއްގެ ގޮތުގައެވެ.
މި ހިސާބުން އަނެއްކާވެސް ކޮށްލަން ޖެހެނީ އެއްކަލަ ސުވާލެވެ. ޠާލިބާނުންނަކީ ކޮން ބައެއް ހެއްޔެވެ؟ އިސްލާމް ދީނުގެ ރޫޙާ އެއްގޮތަށް އިސްލާމީ ޝަރީޢަތް ފަހުމުކޮށް ތަންފީޒުކުރުމުގެ ޤާބިލިއްޔަތު އެމީހުންގެ ކިބައިގައި އެބަހުރި ބާވައެވެ! އިންސާނާގެ ނަފްސިއްޔާތީ، އަދި އިޖުތިމާޢީ ޠަބީޢަތް ފުރިހަމަޔަށް ދެނެގަނެ، އެ ޠަބީޢަތާ ގުޅޭ ގޮތެއްގެ މަތީން އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމުގެ ޤާބިލިއްޔަތު އެމީހުންގެ ކިބައިގައި އެބަހުރި ބާވައެވެ! މިއަދުގެ ދުނިޔޭގައި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކާ މުޚާޠަބުވެވޭފަދަ އިސްލާމީ ސިޔާސީ ބާރެއް އުފެއްދުމުގެ ޤާބިލިއްޔަތު އެމީހުންގެ ކިބައިގައި އެބަހުރި ބާވައެވެ! މި ޒަމާނުގައި ދުނިޔޭގައި އޮތް ސިޔާސީ އޮއިވަރުގެ ތެރޭގައި އިސްލާމީ މުޖުތަމަޢެއްގެ ނަވުގެ ދަތުރު ނިޔާމަގޮތެއްގައި ފުރިހަމަކުރުމުގެ ޤާބިލިއްޔަތު އެމީހުންގެ ކިބައިގައި އެބަހުރި ބާވައެވެ! މިއިން ކޮންމެ ސުވާލަކަށްވެސް އަޅުގަނޑުގެ ޖަވާބަކީ "ނެތޭ" މިއެވެ.