10 Oct 2013, 17:45
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އޮގަރު އިބްރާހީމް ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިބްރާހީމް ވަޙީދު ކޮމިޝަންގެ މެންބަރުކަމުން އިސްތިޢުފާ ދެއްވައި އެކަމުގެ ސިޓީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދަށް މިއަދު ފޮނުއްވައިފަ އެވެ.
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 174 ވަނަ މާއްދާގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު، މެންބަރުކަމުން އިސްތިޢުފާ ދެއްވަން ބޭނުންވެއްޖެ ނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީ ކަމުގަ އެވެ.
އޭނާ އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ރައީސް އޮފީހަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަހީދު ދެންމެ ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބަކަށް ޓަކައި ކަމަށެވެ.
"ޑޮކްޓަރު އެޑްވައިޒު ކުރީ އެހާ ސްޓްރެސްކޮށް ނޫޅުމަށް. މި ފަހަރު ޑޮކްޓަރުގެ އެޑްވައިޒު ގަބޫލު ކުރީ." ވަހީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި އޮޅުންތަކެއް ހުރި ކަމަށް ސާބިތުވެ، ސުޕްރީމް ކޯޓުން ވަނީ އެ އިންތިހާބު ބާތިލުކޮށްފަ އެވެ. އެ މައްސަލައާ ބެހޭ ގޮތުން ދެންނެވުމުން ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނުން ވަހީދު އިސްތިއުފާ ދެއްވި އިރު އެ ކޮމިޝަނުން ބާއްވާ ނޫސްކޮންފަރެންސުތަކާއި އާންމުކޮށް ބޭރަށް ފެންނަން ހުންނަ މަސައްކަތްތަކުގައި ފެންނީ ތިން ބޭފުޅެކެވެ. އެއީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަނާއި މެންބަރު އަލީ މުހައްމަދު މަނިކެވެ.
ވަހީދު ވިދާޅުވީ އެ ބޭފުޅުންގެ މަސައްކަތް ބޭރަށް ފެނުނަސް ފަސް މެންބަރުން ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.