10 Oct 2013, 17:02
ޑޮކްޓަރުގެ ރޮނގުން ކިޔެވުމަށް ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދުމާ ގުޅޭގޮތުންނާއި އެނޫންވެސް ތަފާތު ކަންކަމުގެ ނަމުގައި ދަރިވަރުންގެ އަތުން ބޮޑެތި ފީތަށް ނަގަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދަރިވަރުންގެ އަތުން ބޮޑެތި ފީތަށް ނެގުމުގެ އިތުރުން ކިޔަވަންދާ ގައުމުގެ މެޑިކަލް ކައުންސިލުން ގަބޫލުނުރާ ތަންތަނަށް އޮޅުވާލައިގެން ކުދިން ކިޔަވަން ފޮނުވަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބެމުން އަންނަ ކަމަށެވެ.
މެޑިސިންގެ ރޮގުން ތައުލީމް ހާސިލްކުރާ ކުދިންނަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މަސައްކަތް ކުރެވޭނީ އެގައުމެއްގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތަނެއްގައި ކަމަށާއި އަދި އެރޮނގުން ކިޔަވަންދާއިރު ހުންނަންޖެހޭ ޝަރުތުތަކެއް ވެސް ގިނަގައުމުތަކުގެ މެޑިކަލް ކައުންސިލްތަކުން ކަނޑައަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.
ކަންއެހެންހުރުމާ އެކު ކިޔަވަންދާ ޔިނިވާސިޓީ އަދި ކޮލެޖްފަދަ ތަންތަނަކީ އެ ގައުމެއްގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތަންތަންތޯ ކަށަވަރު ކުރުމަށާއި ކިޔަވަންދާއިރު ފުރިހަމަވާންޖެހޭ އެޑްމިޝަން ކްރައިޓީރިއާ ފުރިހަމަވޭތޯ ބެލުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.