ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރީ މައްސަލަތައް ހުރުމުން ކަމަށާއި އެ ކަމުގައި ޒިންމާ ފަރާތްތައް އެ މަގާމުތަކުގައި ބައިތިއްބައިގެން އިންސާފުވެރި އިންތިހާބެއް އަދި ވެސް ނުބޭއްވޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު މެންދުރު ނަސަންދުރާ ޕެލެސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި ބޭފުޅުންނާ އެކު އިންތިހާބު ބާއްވަން ވެސް އެ ޕާޓީން ބޭނުން ނުވާ ކަމަށެވެ.

"މިހާރު ރާއްޖޭގައި މިއޮތް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ އެކީގައި އިންތިހާބު ބާއްވާކަށް ޕީޕީއެމްއަކުން ބޭނުމެއް ނުވެއޭ. އެއީ އަޅުނގަޑުމެން ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ ސުޕްރީމް ކޯޓުގެ ހުކުމުން އެމީހުންނަކީ އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ބައެއް ނޫންކަން ސާބިތުވެފައި[އެ ވަނީ]،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އިން ބުނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން އަކީ އެމްޑީޕީ އަށް މި އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވަން ތިއްބެވި ދެ ބޭފުޅުން ކަމަށާއި ދެ ވަނަ ބުރުގެ އިންތިހާބު ފަސްކުރުމަށް އެންގުމުން ވެސް އެކަމާ "ޗެލެންޖު" ކުރައްވައި އިންތިހާބު ބާއްވަން އުޅުއްވުމަކީ ފުއާދުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭވަރުގެ ކަމެއް ކަމަށެވެ. އެހެންކަމުން އެބޭފުޅުން ބައިތިއްބައިގެން ދެން ވެސް ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމާއ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރު އަލުން ބޭއްވުމަށް ކުރި ހުކުމަށް އިލެކްޝަންސް ކޮމިޝަނުން ތަބާވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް އިލެކްޝަނުން ބުނާ ބުނުމަކަށް ތަބާނުވުމަށާއި މިހާރުން މިހާރަށް އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ވެސް އާމިރު ވަނީ ގޮވާލައްވައިފަ އެވެ.

ސުޕްރީމް ކޯޓުން ކުރައްވާފައިވާ ހުކުމާ އެއްގޮތަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާމިރު ވިދާޅުވީ އިންތިހާބު ބޭއްވުމަށް ލިބިފައިވާ މުއްދަތުގެ ތެރޭގައި މީހުން ވޯޓް ރަޖިސްޓްރީ އަށް އެންމެ ދުވަހެއް ހުޅުވާލުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އެދިގެން މުއްދަތު އިތުރު ވެސް ކުރެވޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަމާ މެދު އެއްވެސް އެއްޗެއް ނުބުނެ އުޅެނީ ޖެއްސުން ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.