10 Oct 2013, 16:41
އަންނަ އަހަރު ސްކޮޓްލޭންޑްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
ސަންއާ ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، ދަންމަރު މާލެ ގެންނާނީ މިމަހުގެ 21 ވަނަދު ވަހުގެ ރޭ ކަމަށާއި އެގޮތުން މިމަހުހެ 22 ވަނަ ދުވަހު ދަންމަރު އައްޑޫއަށް ގެންދިއުމަށްފަހު މާލެ ގެނައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
"ދަންމަރު ރާއްޖެ ގެނައުމުން އެކަމުގެ ރަސްމިއްޔާތު ބާއްވާނީ އައްޑޫގައި. މިކަމުގައި އައްޑޫ ސިޓީގެ ސްކޫލްތަކާއި ސިޔާސީ ޕާޓީތަކާއި ސަރުކާރު މުވައްޒަފުންނާއި އާއްމުން ގިނަ އަދަދަކަށް ބައިވެރިވާނެ. ދަންމަރު ހިފައިގެން އައްޑޫސިޓީގެ އެކިހިސާބުތަކުގައި ދުވުމަށް ވަނީ ނިންމާފައި" މަރޭ ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ އައްޑޫ ސިޓީ އިން ދަންމަރު މާލެ ގެނައުމަށްފަހު މާލޭގެ މަގުމަތީގައި ވެސް ދަންމަރު ހިފައިގެން ދުވާނެ ކަމަށާއި އަދި ސަރުކާރުގެ އޮފީސްތަކަށް ދަންމަރު ގެންދެވޭނެ ކަމަށެވެ.
އަންނަ އަހަރު ބާއްވާ ކޮމަންވެލްތް ގޭމްސްގައި 175 ކުޅިވަރަކުން 261 އިވެންޓް ބައިވެރިވާއިރު، އެ މުބާރާތުގައި ބައިވެރިވެފައިވާ 71 ގައުމަށް ދަންމަރު ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަންމަރުގެ ދުވުން އިއްޔެވަނީ އިނގިރޭސި ވިލާތުގައި ފަށައިފަ އެވެ. އެގޮތުން ދުވުން އިއްޔެ ފަށާފައިވަމީ އެގައުމުގެ ރާނީގެ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިންނެވެ. މި ދަންމަރުގެ ދަތުރު ނިންމާނީ އަންނަ އަހަރުގެ ޖުލައި 23 ގައެވެ.