10 Oct 2013, 15:25
މުޒާހަރާ ކުރި މައްސަލައަކާ ގުޅިގެން ގއ. ކުއްޑޫ ފިޝަރީޒް ލިމިޓެޑްގެ 10 މުވައްޒަފަކު ވަޒީފާ ވަކިކޮށްފައި ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަށް ކަމަށާއި އެމުވައްޒަފުންނަށް ވަޒީފާ އަނބުރާ ދިނުމުގެ އަމުރެއް ނެރެދެން ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިނަލުން ކަނޑައަޅައިފި އެވެ.
އެ މުވައްޒަފުންތައް ވަޒީފާ އިން ވަކިކުރުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 12 ވަނަ ދުވަހު ކުއްޑޫގައި ކުރި މުޒާހަރާއަކާ ގުޅިގެންނެވެ. އެމީހުން ވަޒީފާ އިން ވަކިކުރީ 24 ނޮވެމްބަރު 2012 ގަ އެވެ.
ޓްރައިބިނަލަށް ވަކިވަކިން ހުށަހަޅަފައިވާ އެ މައްސަލަތައް ބެލުމަށް ފަހު މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 31 ވަނަ މާއްދާއާ ހިލާފަށް ހަޅުތާލުކޮށް ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް އާ ހިލާފުވެގެން ކަމަށް އެމީހުން ވަޒީފާ އިން ވަކިކުރި ލިޔުމުގައި ހުށަހަޅައިފައިވާ ކަމަށެވެ.
"ގާނޫނު އަސާސީން މުވައްޒަފުން ލިބިދޭ އިހުތިޖާޖް ކުރުމަށް ޓަކައި މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގުގެ ބޭނުން ކުރުމަށް ޓަކައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫން ވެސް މަސައްކަތްތެރިން އަމަލް ކުރާނެ އުސޫލުތައް " ވަޒީފާދޭ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ ދެބަސްވުމުގެ "ގަވާއިދު"ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ފަރާތްތަކުން މަސައްކަތް ހުއްޓާލާފައި ވަނީ އެގަވާއިދުގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތަށް ނޫން ކަމުން އޭނާ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް އޭނާ ވަޒީފާ އަށް އެނބުރި ރުޒޫއަވުމަށް އެންގުމުގެ ފުރިހަމަ އިހުތިޔާރު ވަޒީފާދޭ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ވަޒީފާ ހުއްޓާލައިގެން ތިބި މުވައްޒަފުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ ވަޒީފާ އިން ވަކިކުރީކަން އެނގެން އޮތުމުން އެމީހުން ވަޒީފާ އިން ވަކިކުރި ހާލަތަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރެވިދާނެ ހާލަތެއްކަމަށް ބުރަވެވޭ ކަމަށް ވެސް ޓްރައިބިއުނަލުން ބުނެފައިވެ އެވެ.
އެ 10 މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ހިލާފަށް ކަމަށް ބެލެވެންނެތުމުން ވަޒީފާ އަނބުރާ ދިނުމަށް އެދި އަމުރެއް ނެރެދެވެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
ވަޒީފާ އިން ވަކިކުރި ކޫއްޑޫގެ މުވައްޒަފަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދެވިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެމީހުން ވަޒީފާ އިން ވަކިކުރުމަށް ނިންމި ނިންމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ދެކޭ ކަމަށެވެ.
"ގާނޫނާއި ގަވާއިދާ ހިލާފަށް މުޒާހަރާ ކުރަމުން ގެންދިޔަ ކަމަށް ބުނެ ވަޒީފާ އިން ވަކިކުރީ. ނަމަވެސް އެކަން ސާބިތުކޮށްދީފައެއް ނެތް. ވަރަށް ގިނަ ބަޔަކު މުޒާހަރާކުރި. ވަޒީފާ އިން ކަނޑާލާފައި ވަނީ ގއ. ވިލިގިއްޔަށް ނިސްބަތްވާ 10 މީހުން އެކަނި. އެހެންވެ ހަމަހަމަކަން މިކަމުގައި ގެންގުޅެފައެއް ވެސް ނުވޭ،" އަހުމަދު ބުންޏެވެ.
ވަޒީފާ އިން ވަކިކުރި ދިހަ މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލްގައި ވަކާލާތު ކުރެއްވި ގާނޫނީ ވަކީލް އަލީ ޝާހު މިއަދު ސަން އަށް ވިދާޅުވީ އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީ 31 ވަނަ މާއްދާ އާއި ކުންފުނީގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޓަޑްޓާ ހިލާފްވެގެން ކަމަށް ކަނޑައަޅައިގެން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކޫއްޑޫ އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ޓްރައިބިއުނަލުން އެގޮތަށް ނިންމާފައި ވަނީ ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށެވެ.
"އެ ނިންމުމަކީ ވަރަށް ވިސްނުން ކޮށި ނިންމުމެއް. އެ ދިހަ މުވައްޒަފުން ކުރި ކަމެއް ބުނެދެވިފައެއް ނުވޭ ކޫއްޑޫއަކަށް. ކޫއްޑޫގެ ސިނާއީ އެއްވެސް މަސައްކަތަކަށް ހުރަސްއެޅި ކަމެއް ނުވަތަ އަމުރަށް ނުކިޔަމަންތެރި ކަމެއް ވެސް ބުނެދެވިފައެއް ނުވޭ. އެހެންވެ ހުޅުވުނީމަ އެ މައްސަލަ އިސްތިނާފު ކުރާނަން،" ޝާހު ވިދާޅުވި އެވެ.
ކޫއްޑޫގެ ވަޒީފާ އަދާ ކުރަމުން ގެންދިޔަ މުވައްޒަފުންތަކެއް މިދިޔަ އަހަރު މުޒާހަރާ ކުރީ އެތަނުގައި ހާލަތު ރަނގަޅު ނުކޮށް، އިތުރު ބޮޑު ހަރަދުތަކެއް ކޮށްގެން އައްޑޫގައި މަސް ފެކްޓްރީއެއް އެޅުމަށް ކުންފުނިން ނިންމާފައިވާ ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން އެތަނުގެ އޮފަރޭޝަންސްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.